ޚަބަރުސިޔާސީ

ގައުމު ބަނގުރޫޓުވާނެ ހުރިހާކަމެއް ކޮށްފި: ޝިޔާމް

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް އަމާޒުކޮށް, ގައުމު ބަނގުރޫޓުވާނެ ހުރިހާ ކަމެއް ކޮށްފިކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މަޖްލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބީބީސީއިން ރާއްޖެ ބަނގުރޫވެދާނެކަމަށް ބުނެފައިވާކަމަށް ”ދިޔަރެސް“ ނޫހުން އާންމުކޮށްފައިވާ ލިޔުމަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ, މީގެ ކުރިން ޖޭޕީ މޯގަންއިން ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އޮތް ކަމަށް ބުނެ ރިޕޯޓު ނެރުމުން, އެ ރިޕޯޓު ނެރުނީ އެއިދާރާގެ ރިސެޕްޝަނިސްޓެއް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވެފައިވުމުން ދެން އެމަނިކުފާނު ހާމަކުރައްވާނެ ކަމަށް ލަފާކުރެވޭ ގޮތް ފާހަގަކުރައްވާފައެވެ.

”ބީބީސީ އޮފީހުގެ މަސައްކަތު މީހެއް ލިޔުނު ރިޕޯޓެއް. އޭނަ އެރިޕޯޓު ލިޔުނު ކަމަށްވަނީ ޖޭޕީ މޯގަން ޗޭސް ބޭންކް ގެ މަސައްކަތު މީހެއް ކޮފީއެއްގައި ދެއްކި ވާހަކައެއްގެ މައްޗަށް.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ, ސަރުކާރުން ގައުމު ބަނގުރޫޓުވާނެ ހުރިހާ ކަމެއް ކޮށްފި ކަމަށެވެ. އަދި އާމްދަނީ އިތުރުވާނެ އެއްވެސް ގޮތެއް ނޭންގޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓަރ އަމީރަށާއި ރައީސް ސާލިޙަށް އަމާޒުވެފައެވެ. އެހެން ނަމަވެސް މިނިސްޓަރ އަމީރު އަދިވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ އިގްތިސާދުހައި އަވަހަށް ކުރިއަރަމުން އަން އިގްތިސާދެއް މުޅި ދުނިޔޭގައިވެސް ނެތް ކަމަށެވެ. މިނިސްޓަރ މިފަދައިން ވިދާޅުވަމުން އަންނައިރު, ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގާއި ޑޮލަރުގެ އަގު މިހާރު ވަނީ ރިކޯޑު އަދަދަކަށް އުފުލިފައެވެ.

ކާބޯތަކެތީގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން އަންނަ އިރު, ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނަމުން އަންނަ ގޮތުގައި މިހާލަތު އިތުރަށް ގޮސް ވުމުގެ ފުރުސަތު ނުހަނު ބޮޑެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button