
ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު މެންދުރުކުރީ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ޤައުމު ތަމްޞީލުކުރަން ފުރުޞަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއްކަމަށާއި، އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ވެސް ރައީސް ވަނީ ރާއްޖޭގެ އެތްލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަޞީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ “ ފޯ ދި އޯޝަންސް“ ގެ ނަން ދެވިފައިވާ ޖަރޒީ ކިޓް އެއް ވެދުން ކުރައްވާފައެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.
މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 8 ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބަރމިންގހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް 9 ވަނަ ދުވަހުން 18 ވަނަ ދުވަހު ބާއްވާ 5 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.