ޓަކީ ބަންދުން ދޫކޮށްލި މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
ޕީޕީއެމްގެ ސެނެޓަރު އިބްރާހިމް ރައްޒާން (ޓަކީ) ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފުގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:30 އަށް ތާވަލްކޮށްފިއެވެ.
ރައްޒާން ބަންދުކުރެވުނީީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހިންގި ހަމަނުޖެހުން ރާވައި ހިންގިކަމުގެ ތުހުމަތުގައެވެ. އަދި 5 ދުވަހުގެ ބަންދުގެ މުއްދަތަކަށްފަހު ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް އެއްބާރުލުންދިނުމަށް ޝަރުތުކޮށް އެބޭފުޅާ ދޫކޮށްލާފައެވެ.
އެހެން ނަމަވެސް ޕޮރެސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރައްޒާން ދޫކޮށްލި މައްލައި ހައިކޯޓުގައި އިސްތިއުނާފްކުރުމަށް އެދިފައެވެ. މި މައްސަލައިގައި މިހާތަނަށް އެއް އަޑުއެހުން ނިމިފައިވާއިރު, ދައުލަތުން ބުނެފައިވަނީ ސެނެޓަރ ރައްޒާނަކީ މުޖުތަމައަށް ނުރައްކާތެރި މީހެއްކަމާއި, އަދި އެބޭފުޅާ ހެއްކަން ނުފޫޒުފޯރުވާނެކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި އިންޓެލިގެންސް ރިޕޯޓުގައިވެސް މިފަދަ ހެއްކެތް އޮތް ކަމަކަށް ބުނެދެވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ރައްޒާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މާދަމާ އެބޭފުޅާ ކޯޓަށް ހާޒިރުވުމަށް އަނގާފައިވާ ކަމަށާއި, އެހެން ނަމަވެސް, ދައުލަތުން އޭނާ ބަންދުކުރަންޖެހޭ އެއްވެސް ހެއްކެތް ދެއްކިފައިނުވާ ކަމަށެވެ. އަދި ރައްޒާންގެ ޓްވީޓުގައި ވަނީ އެންމެ ފަހު އަޑުއެހުމުގައި ދައުލަތުގެ ޕްރޮސެކިޓަރ އަޙްމަދު ޝަފީއު ކޯޓުގައި އެފަދައިން ބުނާ ވިޑިއޯއެއް ހިއްސާކޮށްފައެވެ.
I have been summoned to court at 10:30AM tomorrow. You hear in this video the prosecution itself admitting to lack of evidence. If I am detained by the court on the PGs baseless argument – this is further proof of the inequity and cruelty of this tyrannical government. pic.twitter.com/MLiY5x5Xfy
— Razzan Ibrahim (@RazzanMDV) July 19, 2022
ރައްޒާންގެ މި ޓްވީޓުގައި އިތުރަށް ވިދާޅުވީ މިއީ ދައުލަތުގެ އަނިޔާވެރިކަމާއި, ނާއިންސާފުވެރިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. މީގެ ކުރިންވެސް އެބޭފުޅާ ތަކުރާރުކޮށް ވަނީ ދައުލަތުން އެއްވެސް ހައްގަކާއި ނުލާ އެބޭފުޅާ ބަންދުކުރުމަށް މަސައްކްތްކުރަމުން ދާކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައްޒާންގެ މައްސަލައާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދރާތަކުން އޭނާއާއި މެދު އަމަލުކުރަމުން އަންނަނީ ސުވާލު އުފެދޭ ފަދަ ގޮތަކަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގުގަށް ހައްޔަރުކޮށް ދޫކޮށްލުމަށްފަހުވެސް ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި ހާޒިރުކުރި ކޮންމެ ފަހަރަކުވެސް ކުރީ އެއް ސުވާލުތަކެއް ކަމަށާއި, އަދި ހާޒިރުކުރުމަށްފަހު ރައްޒާން ލައްވައި ބަންދުގައިވާ ޕީޕީއެމްގެ ސެނެޓަރު މުހަންމަދު އިސްމާއިލް އާއި ދެކޮޅަށް ހެކިބަސް ދިނުމަށް އެދިފައިވާކަމަށްވެސް ރައްޒާންގެ ލޯޔަރު އާދަމް އާސިފް މީގެ ކުރިން ވަނީ މީޑިއާތަކަށް ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ތަހުގީގު މަރުހަލާގައި ފުލުހުން އެބޭފުޅާއަށް ނަފްސާނީ ގޮތުން ގެއްލުން ވާގޮތަށް އަމަލުކޮށް ފުރައްސާރަކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ރައްޒާން އިތުރު 9 ދުވަހަށް ބަންދުކޮށްދިނުމަށެވެ.