ޚަބަރުސިޔާސީ

ރައީސް ޔާމީނަށް އޮތް އިޚުލާސްތެރިކަމާއިއެކު ޑރ. މުޢިއްޒުއަށް ކުރަމުންދާ ތުހުމަތުތަކަށް ޖަވާބު ދެއްވައިފި

އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އޮތް އިޚުލާސްތެރިކަން ހާމަކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުކުރަމުންދާ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގެންފިއެވެ.

ރޭ ޗެނަލް-13 މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައިި ޑރ. މުޢިއްޒުވަނީ ރައީސް ޔާމީންއަށް އެމަނިކުފާނުގެ ހިތުގައިވާ ލޯބި ހާމަކުރައްވާ އަބަދުވެސް ހުންނެވީ އަދި ހުންނަވާނީވެސް ރައީސް ޔާމީންއާއި އެކުގައިކަން ހާމަކޮށްދެއްވާފައެވެ.

”އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ ހިތް، އަޅުގަނޑުގެ ޟަމީރު، އަޅުގަނޑު ކަންކަމުގައި ޢަމަލު ކުރަނީ، އަޅުގަނޑު ހިތުގެ އަޑިން ޤަބޫލު ކުރާ ގޮތަށް. އެހެންވީމަ، ބަޔަކު އަދި އަޅުގަނޑާ ބެހޭގޮތުން ސުވާލުތަކެއް ކުރިޔަސް، އަދި އެލިގޭޝަންސްތަކެއް ކުރިޔަސް، ތުހުމަތުތަކެއް ކުރިޔަސް، އަޅުގަނޑު ޤަބޫލު ކުރާ ގޮތަކީ އަޅުގަނޑު އެކަމަކަށް ޖަވާބު ދޭކަށް ޤަޞްދެއް ނުކުރަން، އެހެންނަމަވެސް މިހައި ގިނަ ދުވަސް މިގޮތަށް އަޅުގަނޑު މި ވާހަކަތައް ނުދައްކާ ހުރުމުން ޕާޓީގެ މެމްބަރުންގެ ތެރޭގައި، ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފެދޭ.“ ޑރ.މުޢިއްޒު

ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައީީސް ޔާމީނަށް ތާއީދު ކުރަން ފެއްޓީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި، ރައީީސް ޔާމީން އަކީ ކެރޭ ޑެލިވަރ ކޮށްދޭ ވަޒީރެއްގެ ގޮތުގައި ވަރަށް ކުރިންވެސް ފާހަގަކުރެއްވުނު ބޭފުޅެއްކަމަށެވެ. އަދި ރައީސް ޔާމީން އަށް ތާއީދު ކުރާ އެންމެން ޢަޒުމް އާ ކުރަންވީ މި ޤައުމު ހަޤީޤީ މިނިވަންކަމުގެ އިިިޙްސާސް ވާގޮތަށް މި ޤައުމު ބައްޓަން ކުރުމަށްޓަކާ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގައި އިތުރު ހިތްވަރެއްލައި، ހަރުފަތްތަކެއް ގިރާ ކުރަން ޢަޒުމް ކަނޑައަޅަން ކަމުގައި ވިދާޅުވިއެވެ.

”ރައީސް ޔާމީން އަށް ތާއީދު ކުރާ އެންމެން ޢަޒުމް އާ ކުރަންވީ، މިނިވަން ދުވަހު، މި ޤައުމު ހަޤީޤީ މިނިވަންކަމުގެ އިިިޙްސާސް ވާގޮތަށް މި ޤައުމު ބައްޓަން ކުރުމަށްޓަކާ. އެމަނިކުފާނު މިނިވަން ކުރުމަށްޓަކާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއްލައި، ހަރުފަތްތަކެއް ގިރާ ކުރަން ޢަޒުމް ކަނޑައަޅަން އެބަޖެހޭ.“ ޑރ. މުޢިއްޒު

ރައީސް ޔާމީނާ ގުޅޭގޮތުން މުޢިއްޒު ދެއްކެވީ ތެދު ވާހަކަ ކަމަށާއި، މި ސަރުކާރުން ރައީސް ޔާމީން ޖަލަށްލައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގަބޫލުކުރައްވާކަން އޭނާ ހާމަކުރެއްވިއެވެ. މިއާއިއެކު ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމާއި، އެމަނިކުފާނަކީ ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޝަހުސިއްޔަތު ކަމަށެވެ.

މުޢިއްޒު ވިދާޅުވީ އޭނާ ޤަބޫލު ކުރައްވާ ގޮތުގައި މިސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ދެނީ އެމަނިކުފާނު ޤައުމުގެ ޙައްޤުގައި ވަމުން އަންނަ ޤުރުބާނީގެ ސަބަބުން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމުން އެ ޤައުމީ ޒިންމާއާއި އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް މި ސަރުކާރުން އަނިޔާ ދެމުން އަންނަ އެއް ސަބަބު ކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއާއިއެކު މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ރައީސް ޔާމީން ކަމާއި އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެންމެންވެސް އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދޭން ޖެހޭ ކަމަށެވެ.

”ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ޔާމީން . އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދޭން ޖެހޭ“ ޑރ.މުޢިއްޒު

ރައީސް ޔާމީން ނުހައްޤުން ޖަލުގައި ހުންނަތާ ގާތް ގަނޑަކަށް 1000 ދުވަސް ވެފައިވާކަމާއި އަދި ތިން ފަހަރު މަތިން ހައްޔަރުކޮށްފި ކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީގެ ހުރިހާ މެންބަރުންގެ އަޒުމަކަށް ވާންޖެހޭނީ މި ޚުޠޫރަތްތެރި ދަޑިވަޅުގައިވެސް ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރުން ކަމުގައި ވާންޖެހޭނެ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ އަބަދުވެސް ކުރާ ދުޢާ ކަމަށާއި ، اللهގެ ރަޙްމަތްފުޅުން އެކަން ކާމިޔާބު ވާނެ ކަމަށެވެ. މީގެ ކުރިންވެސް ރައީސް ޔާމީންގެ މައުޞޫމްކަން ސާބިތު ކޮށްދެއްވި ފަދައިން މިފަހަރުވެސް އެ ފުރުޞަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނުގެ މަޢުޞޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު މިފަދަ މެސެޖެއް ދެވާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމަށްފަހު ޑރ. މުޢިއްޒު އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އެތައް ބަޔަކު ދިޔައީ އަސާސެއްނެތް ތުހުމަތުތަކެއް އަޅުވާ ފުރައްސާރަކުރަމުންނެވެ. އެހެން ނަަމަވެސް އެމަނިކުފާނު ސާބިތުކަންމަތީ ހުންނެވީ އޭގެން އެއްވެސް ކަމަކަށް ފަރުވާލެއްނެތިއެވެ.

ރޭ ދެއްވި މެސެޖްގައި މުޢިއްޒު ވިދާޅުވީ ކަންކަމާ މެދު ޢަމަލުކުރަނީ ހިތުގެ އަޑިން ޤަބޫލުކުރާ ގޮތަށް ކަމަށާއި އަދި ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓަވާ ކަމަށެވެ.

އެހެން ނަމަވެސް އެހުރިހާ ވާހަކައެއް މިއަދު ދަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ތާއީދާއި، އެމަނިކުފާނު ރައީސް ޔާމީންއަށް ސަޕޯޓްކުރާ ކުރުން އެއީ ޙަޤީޤަތްކަން ސާބިތު ހިފޭ ހެކިތަކާ އެކީގައި ދެންނެވުމުގެ ގޮތުން ކަމަށާއި، ޑރ. މުޢިއްޒުއަށް ކުރާ ތުހުމަތުތަކަށް ތަކަށް އެއްވެސް ގޮތަކަށް ޖަވާބު ނުދީ އަބަދު ހުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި އެހާ ރަނގަޅުކަމަކަށް ނުވާތީއާއި އެވާހަކަތަކުގެ ޙަޤީޤަތް ހާމަނުކޮށް ހުންނެވުމުން އެ ޕާޓީގެ ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފެދޭތީ ކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button