ޚަބަރު

މަޑުއްވަރީ ރޭޕް: ފިޔަވަޅު އަޅަން ޖެންޑާ މިނިސްޓަރު އަންގަވައިފި

މިދިޔަ އަހަރުގެ މާޗުމަހުގެ 3 ވަނަ ދުވަހު ރ.މަޑުއްވަރީގައި ހިނގައިދިޔަ ރޭޕްގެ ހާދިސާ އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަންގަވައިފިއެވެ.

ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕައަށް މިނިސްޓަރު އާއިޝަތު ސޮއިކުރައްވާ ފޮނުއްވެވި ސިޓީގައި ވާގޮތުން އެ މައްސަލައާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކަށް މިނިސްޓްރީގެ ފަރާތުން ވަނީ ދަންނަވާފައެވެ.

އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވެސް އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ވިސްނުން އަންނަނީ މިހާރު ގެންގުޅެމުންނެވެ.

މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު އޮޅުވާލައިގެން ގެސްޓު ހައުސް އަކަށް ގެންގޮސް ވަޅިން ބިރުދައްކައި، ޖޫސް ތައްޓެއް ބޯން ދިނުމަށްފަހު 4 މީހަކު ވެގެން ރޭޕު ކުރި މައްސަަލަ އަލުން ތަހުގީގު ކޮށްދިނުމަށް އާއިލާގެ ފަރާތުން ފުލުހުންގެ ކިބައިންވެސް ވަނީ އެދިފައެވެ.

އެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވުނީ އެ ރަށު ސްކޫލު ޓީޗަރެއް ކަމަށްވާ މުއީން ހަސަނަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު، މުއީނުގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ. މުއީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގު ކުރާއިރު، މުއީން ފްރޭމްކޮށްފައިވާ ކަމަށް ތަކުރާރުކޮށް އޭނާ އަންނަނީ ބުނަމުންނެވެ. އަދި އޭނާ އާއި ގުޅުވައި ކުރާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މުއީން އެ މައްސަލަ ސިފަކުރެއެވެ.

މުއީން އާއި ސަމަރޭ އަދި އެޑަމް ނަމަކަށް ކިޔާ މީހެއްގެ އޯޑިއޯއެއްވެސް ދާދިފަހުން ޗެނަލް 13 އިން ވަނީ ގެނެސްދީފައެވެ. އެގޮތުން ހުކުރު ދުވަހު ޗެނަލް 13 އިން ގެނެސްދިން ހަޖަމް ޕްރޮގްރާމުގައި މުއީނުގެ އެދުމުގެ މަތިން މުޅި އޯޑިއޯ ގެނެސްދީފައިވެއެވެ. އެ އޯޑިއޯގައި އެ މައްސަލަ ކުރިޔަށްދާ ގޮތް ބެލުމަށް ސަރުކާރުގެ އިސް ވެރިންނާ މުއީންގެ ފަރާތުން ސަމަރޭ އާއި އެޑަމް ވާހަކަ ދައްކާފައިވާކަން ހާމަވެއެވެ. މުއީން ބުނާގޮތުގައި އެއީ އޭނާ ނުފޫޒު ފޯރުވަން ކުރި ކަމެއް ނޫނެވެ. އެއީ އޭނާ ފްރޭމް ކުރަން އުޅޭތީ އެކަން ހުއްޓުވަން ކުރި ކަމެކެވެ. އެކަމަކު އެ އޯޑިއޯގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button