އަނެއްކާވެސް ޝެއިޚް ނިޝާންގެ ބަންދަށް 16 ދުވަސް

ޔޯގާ ޑޭ ހަރަކާތާއި ގުޅިގެން ބަންދުކޮށްފައިވާ ޝެއިޚް އާދަމް ނިޝާންގެ ބަންދަށް އަނެއްކާވެސް 16 ދުވަސް އިތުރުކޮށްފިއެވެ.
މިމަހުގެ 3 ވަނަ ދުވަހު ޝެއިޚް ނިޝާނަށް ޖަހާފައިވާ 16 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރީ މިއަދު ބޭއްވި މުއްދަތު މަޖިލީހުގައެވެ.
ޝެއިޚް ނިޝާން ހައްޔަރު ކުރީ ޖޫން މަހުގެ 22 ވަނަ ދުވަހު ދަރިފުޅު ގޮވައިގެން މަޣްރިބް ނަމާދަށް ދަނިކޮށެވެ. އެބޭފުޅާގެ މައްޗަށް ކުރާ ތުހުމަތަކީ 21 ޖޫންގައި ގަލޮޅު ދަނޑުގައި ކުރިޔަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިނގި ހަމަނުޖެހުން ރޭވި ކަމުގެ ތުހުމަތެވެ. އެކަމަކު ނިޝާންގެ ވަކީލު އެކަން ދޮގު ކުރެއެވެ. އަދި އެކަމުގައި އެއްވެސް ހެއްކެއް ނެތްކަމަށް ވަކީލު ވަނީ ބުނެފައެވެ.
ނިޝާންގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 7 ދުވަހެވެ. އެއަށްފަހު 30 ޖޫންގައި 3 ދުވަހެވެ. އެބޭފުޅާގެ ބަންދަށް މިމަހުގެ 3 ވަނަ ދުވަހު 16 ދުވަސް ޖަހައި މިއަދު އަނެއްކާވެސް ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރު ކުރުމުން އެއީ ޖުމްލަ 42 ދުވަހެވެ.