ފުލުހުންގެ ދިގު ބަޔާނުން އެނގުނީ ޝިހާމަށް އަނިޔާކުރި މީހުން ހައްޔަރު ނުކުރާކަން
ކ.ދިއްފުށިގައި ދާދިފަހުން ހިނގައިދިޔަ މާރާމާރީއާއި ގުޅޭގޮތުން ފުލުހުން ވަނީ ސުވާލު އުފެދޭފަދަ ބަޔާނެއް ނެރެފައެވެ.
އެގޮތުން މިބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު, ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމުަތުކުރެވޭ މީހާއަށް އަނިޔާކުރި އެކަކުވެސް މިހާތަނަށް ހައްޔަރު ކުރިކަމެއް އެނގޭކަށް ނެތެވެ.
ފުލުހުންގެ މި ބަޔާނުގައި ބުނެފައިވަނީ, 14 ޖުލައި 2022 ވަނަ ދުވަހުގެ 18:30 ހާއިރު, 14 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތްކުރާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި މިރިޕޯޓާއި ގުޅިގެން ފުލުހުން އެރަށަށް ގޮސް, އެއްވެތިބި މީހުނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރި ކަމަށެވެ.
މީގެ އިތުރުން އެވަގުތު އެތަނުގައި ތިބި މިހުން ކޮންޓްރޯލްކުރުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް, އެއްވެތިބި މީހުންގެ ބަޔަކު ތަކުރާރުކޮށް ފުލުހުންނަށް ހަމާލާދީ, ފުލުހުންގެ ސަފުތައް ރޫޅާލައި, ދިއްފުށީ ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެގަނެ, އެތަނުގެ ތަކެއްޗަށް ގެއްލުންދީ ކަރަންޓު ކަނޑާލައި, ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި, މި ހަމަނުޖެހުމުގައި އެތަނަށް ހާޒިރުވި ފުލުހުންނަށާއި, ތުހުމަތުކުރެވޭ ޝިހާމަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ހަމަލާދިން ފަރާތެއް ކަމަށްވާ އުމުރުން 22 އަހަރުގެ ފިރިހެނަކު ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ކިބައިން ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ އަސަރުތައް ވަނީ ފެނިފައެވެ.
މި މާރާމާރީއާއި ގުޅިގެން ފުލުހުން ތުހުމަތުކުރެވޭ ފަރާތަށް އަނިޔާކޮށް އިންޒާރު ދީފައިވާކަމަށް ދެކެވޭ ވާޙަކަތަކާއި ގުޅޭގޮތުން ބުނެފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން އެރޭ ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުން އަންނަކަމަށެވެ.
މި ބަޔާނުގައި މި ހާދިސާގައި ހިނގާފައިވާ އެންމެހާ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައި ވީނަމަވެސް, މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ކަމަށްވާ ޝިހާމް ޝަމްއޫނަށް އަނިޔާކުރި މައްސަލަ ބަލަމުންދާކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އަދި ޝިހާމަށް އަނިޔާކުރި އެކަކުވެސް މިހާތަނަށް ހައްޔަރުކޮށްފައެއްވެސް ނުވެއެވެ. އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުންދާ ޝިހާމް ބުނެފައިވަނީ އޭނާއަށް ހަމަލާދިނީ އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާ ކަމަށާއި, އެއީ އޭނާގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަށް ރާވައިގެން ކުރި ކަމެއް ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ޝިހާމު އެބުނާ ފަރާތާ ކުޑަމިނުން ސުވާލުކޮށްފައިވާކަމެއް ނުވަތަ ނުވާ ކަމެއްވެސް ފުލުހުންގެ މި ބަޔާނުން އެނގޭކަށް ނެތެވެ. މި މައްސަލައިގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާއާއި, ފުލުހުން, އަދި މާރާމާރީ ހިންގި މީހުންގެ އިތުރުން ޝިހާމާއިއެކު ޖުމްލަ 4 ފަރާތެއް ހިމެނޭއިރު, ފުލުހުން ޝިހާމްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވުމަކީ ސުވާލު އުފެދޭ ކަމަކެވެ. އަދި ގިނަ ބަޔަކުވެގެން އޭނާއަށް އަނިޔާކޮށް ރަށުމެދަށް ބަރަހާނާކުރިއިރު, އެކަން އެއީ ފުލުހުންނަށް ހައްސާސް މައްސަލައަކަށް ނުވިއެވެ.
މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާކަމުގެ ހެކި ފެނިފައިވާނީނަމަވެސް, އެކުއްޖާއަށް ޖިންސީ ގޯނާކުރީ ޝިހާމްކަން ދޭހަވާ އެއްވެސް ހެއްކެއް ފެނިފައެއް ނެތެވެ. ކަން މިހެން އޮތް އިރު, ތުހުމަތުކުރެވޭ ފަރާތް ކަމުގައިވިޔަސް ޝިހާމަށް އެވަރު ބޮޑު އަނިޔާއެއް ދިން ބަޔަކު ގާނޫނުގެ ކުރިމައްޗަށް ނުގެނެވުމަކީ މި މައްސަލައިގެ ތަހުގީގުގައިވެސް އިންސާފުގެ ތަރާދު އެއްކޮޅަށް ބަރުވެފައިވާ ކަމަށް ފެންނަ ކަމެއް ކަމަށް ބުނުމުގެ ޖާގައެބައޮތެވެ.
ފެންނަން އޮތް ހަގީގަތަކީ ފުލުހުންގެ މިދިގު ބަޔާނުގެ ހަމަ އެކަނި މަގްސަދު ކަމުގައި ފާހަގަވަނީ, އެރޭގެ ހާދިސާގައި އަނިޔާވީ ފުލުހުންނަށް ކަމަށް ދެއްކުން ކަމެވެ. މައްސަލައަކާއި ގުޅޭގޮތުން ނެރޭ ބަޔާނެއްގައި, މައްސަލައިގައި ހިމެނޭ ފަރާަތްތަކާއި ގުޅޭ ތަފްސީލަށްވުރެ ފުލުހުންގެ ވާހަކަ ބަޔާންކޮށްފައިވުމަކީ މިއަދު ފުލުހުންގެ އިދާރާގެ ހަރުދަނާކަން ހުރި މިންވަރު ސާފުކޮށް ހާމަވެގެންދާ އަލިގަަދަ ދަލީލެކެވެ.
Mi Gaumuga fuluhunney kiyaabayaku ebaulheytha, everinge faraathun evvess rakkaatherikameh nulibeyne, aee bodethi dealerun.. gaumu halluvaakah neiyy