ދިއްފުށީ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި އެބަހުރި: ފުލުހުން

ދާދިފަހުން ކ. ދިއްފުށީގައި 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާކުރި ކަމަށްބުނެ މީހަކަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ކުއްޖާގެ ކިބައިން ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ ހެކި ފެންނަން އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވެސް ޕޮލިސް ސާރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މި މައްސަލައިގެ ތަހުގީގުގައި ބެލި ބެލުމުން, ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް މިބަޔާނުގައި ފާހަގަކޮށްފައެއް ނުވެެއެވެ.
ދިއްފުށީގައި ހިނގައިދިޔަ މާރާމާރީ ހިނގައިދިޔައީ, އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާއާއި, އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާއާއި ދެމެދުއެވެ. އަދި މި ހަމަނުޖެހުމުގައި ތުހުމަތު ކުރެވޭ މީހާއަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފައެވެ.
އޭނާއަށް މިހާރު އައިޖީއެމް ހޮސްޓަލުގައި ފަރުވާދެމުން އަންނަ އިރު, ދާދިފަހުން މީސްމީޑައާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ, އެއްވެސް މީހަކަށް ޖިންސީ ގޯނާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް ހަމަލާދިނީ ރާވައިގެން އެކަން އޭނާގެ ބޮލުގައި އެޅުވުމަށް ކަމަށާއި, އެވަގުތު އެތަނަށް ހާޒިރުވި ފުލުހުންވެސް ވަނީ ”ހޭ އަރުވާލާނެ“ ކަމަށް ބުނެ އޭނާއަށް އިންޒާރު ދީފައިކަމަށެވެ.
ފުލުހުންގެ ބަޔާނުގައި މިކަމާ ގުޅޭގޮތުން ބުނެފައިވަނީ, އެމައްސަލައާއި ގުޅިގެން, ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހާޒިރުވި ފުލުހުން އަމަލުކޮށްފައިވާގޮތް އެއިދާރާގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ހަމަނުޖެހުން މާރާމާރީއަކަށް ބަދަލުވެގެންދިޔައީ, އެތަނަށް ހާޒިރުވި ފުލުހުންނަށް އެއްވެތިބި މީހުން ހުރަސް އެޅުމުންނެވެ.
އެހެން ނަމަވެސް މި ހަމަނުޖެހުން ހިނގައިދިޔަރޭ މީސްމީޑައާގައިވަނީ އާންމު ހެދުމުގައި ހުރި ފުލުހުންގެ އޮފިޝަލަކު, ތުހުމަތުކުރެވޭ މީހާއަށް އަނިޔާކޮށް ބަރަހަނާކޮށް ބިންމަތީގައި އޮއްވައި, އޭނާގެ ގައިމަތީގައި ކަހަލަ ގޮތަކަށް ހުރި ފޮޓޯއެއް އާންމުވެފައެވެ. އަދި ތުހުމަތުކުރެވޭ މީހާ ފަހުން ބުނެފައިވާ ގޮތުގައި އޭނާއަށް އިންޒާރުދިނީ އެ ފުލުސް އޮފިސަރެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގުކޮށް ކަންހިނގައިދިޔަގޮތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން އަދި މީހަތަނަށް އެކަކު ހައްޔަރުކޮށްފައިވާއިރު, ކޯޓުން ވަނީ އޭނާޣެ ބަންދަށް 10 ދުވަސް ޖަހާފައެވެ.