ޚަބަރު

ޝިހާމް އަށް އަނިޔާކުރި މީހުން ހައްޔަރު ނުކުރުމުން ވިލިނގިލީގައި މުޒާހަރާކޮށްފި

ކ.ދިއްފުއްޓަށް އާއިލާއާއެކު ގޮސް ހުއްޓައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ގއ.ވިލިނގިލީ ޒުވާނެއް ކަމަށްވާ ޝިހާމް ޝަމްއޫން ގައިގައި ތަޅާ އަނިޔާކުރި މީހުން ހައްޔަރު ނުކުރުމުން ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.

ޝިހާމް ގައިގައި ތަޅައި އޭނާ ލައިގެން ހުރި އަންނައުނު ކުދިކުދިކޮށް މަގުމަތީގައި އޭނާ ބަރަހަނާކޮށްފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު،ޝިހާމް އަށް އަނިޔާކުރުމުން ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވަނިކޮށް އެކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ޝިހާމް ދައްކާފައިވާ ވާހަކަތައްވެސް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ.

މީސް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި އަނިޔާ ލިބުނު ޝިހާމް ބުނެފައިވަނީ އޭނާ ފިހާރައެއްގެ ތެރޭގައި ހުއްޓައި ދަމައި ކޫއްތާފައި ނެރެ އޭނާގެ ގައިގައި ތަޅަން ފެށިކަމަށެވެ. އަދި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެއްބަސްކުރުވަން އުޅުނުކަމަށާއި ނަމަވެސް ނުކުރާކަމަކަށް އެއްބަސްނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުނި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޝިހާމް ވަނީ ފުލުހުންގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އޭނާ ގައިގައި ތަޅަމުންދިޔައިރު އެ ތަނުގައި މަންޒަރު ބަލަހައްޓައިގެން ފުލުހުންވެސް ތިބިކަމަށާއި، އަދި ފުލުހުންވެސް އޭނާއަށް ހޭއަރުވައިލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ޝިހާމު ބުނެފައިވެއެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހިމާޔަތްކުރަން އެ ސަރަހައްދަށް ފުލުހުން ދިއުމުން އެއްވެ ތިބި ބައެއް މީހުން ފުލުހުންނާ ކުރިމަތިލައި އަނިޔާކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކު މިއަދު ދިއްފުށިން ހައްޔަރުކުރި ނަމަވެސް އޭނާ ހައްޔަރުކުރީ ޝިހާމަށް އަނިޔާކުރި މައްސަލައިގައެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެ ދުވަހުގެ ހަމަނުޖެހުމުގައި  ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައެވެ.

ޝިހާމްގެ ދިފާއުގައި މިއަދު ވިލިނގިލީގައި ކުރިއަށް ދިޔަ މުޒާހަރާގައި އެ ރަށު ރައްޔިތުންވަނީ ޝިހާމަށް އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ގޮވައިލާފައެވެ. މިއާއިއެކު  އޭނާއަށް ކ. ދިއްފުށިން އަނިޔާކުރި މީހުން ވަގުތުން ވަގުތަށް ހައްޔަރުކުރުމަށްވެސް ވިލިނގިލީ ރައްޔިތުން ވަނީ ގޮވާލާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button