އަލަމްގިރްގެ ބަންދަށް 15 ދުވަސް ޖަހައިފި
ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުންހިންގައި އެ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯ ބޭނުންކޮށްގެން މީހުންނަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި އަލްމްގިރް ހައްޔަރުކުރުމަށްފަހު މީގެ ކުރިންވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައެވެ. އަދި މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ފުލުހުން ބުނީ އަލަމްގިރް ހައްޔަރު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއި ހައި ޕްރޮފައިލް ފަރާތްތައް ހިމެނޭހެން އެތައް ބައެއްގެ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަމަށް ބުނެ، އެ ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ހޯދަން ޑިމާންޑުކޮށް ބްލެއިކްމެއިލްކުރި މައްސަލާގައި ކަމަށެވެ.
ފައިސާ ނުދީފިނަމަ އެ ވީޑިއޯތައް އާންމުކުރާނެކަމަށް ބުނެ، އަލަމްގިރް އާއި އެކު އެއްޖިއްސުން ގުޅުން ހިންގި މީހުންނަށް ބިރު ދައްކައި އިންޒާރުދީ ބްލެކްމެއިލް ކޮށްފައިވާ ކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.
މީގެ އިތުރަށް އެ މީހުން އެއްޖިންސުން ގުޅުންހިންގި ވީޑިއޯތަކާއި ފޮޓޯތައް ސިޔާސީ މީހުންނަށް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އޭނާ އުޅެފައިވާކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެތައް ދިވެހި ފިރިހެނުން ތަކަކާއި އެކު އެއްޖިންސުން ގުޅުންހިންގުމަށްފަހު އެ މީހުންނަށް ބިރުދައްކައި އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމާއި، އެ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ސިޔާސީ މީހުންނަށް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމުގައި ޝާމިލުވާކަމުގެ ތުހުމަތުގައި އެމްޑީ އަލަމްގިރް ހައްޔަރުކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ މެންދުރު ފަހު 3:15 ހާއިރު މާފަންނުގައި ހުންނަ ގެސްޓު ހައުސްއަކުންނެވެ. އެ ގެސްޓުހައުސްއަކީ އެއްޖިންސުން ގުޅުންހިންގި ވީޑިއޯތައް ލީކުވުމަށްފަހު އަލަމްގިރް ދިރިއުޅެމުން އައި ގެސްޓުހައުސްކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަތަކާއި ގުޅިގެން އަލަމްގިރިއާއި ކާނަލް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް ސައްތާރުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.