ޚަބަރުސިޔާސީ

ނޫސްވެރިންގެ ދުލުގައި ރައީސް ސޯލިހު ތަޅު އަޅުވައިފި

ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ހެއްކާ ބެހޭ ބިލުގެ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައި ނޫސްވެރިންގެ ދުލުގައި ތަޅު އަޅުވައިފިއެވެ.

ހެއްކާބެހޭ ގާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

މި ބިލުގެ މަސްދަރު ހާމަކުރަން ޖެހޭ މާއްދާއާއި ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް ސޯލިހަށް މިމަހުގެ 7 ވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ނޫސްވެރިން ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް

އެމްޖޭއޭއިން ގޮވާލަނީ އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތަށް، ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ “ގައުމީ ސަލާމަތް” ބިލުން އުނިކުރުމަށާއި،  މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) ގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ “އިމިނެންޓް ތްރެޓް” (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރަން ގޮވާލިއެވެ.

ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ގޮވާލައި، އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ “ނޫސްވެރިޔާ” މާނަކުރާ ގޮތް؛ “މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން” ލިބޭ މައުލޫމާތު، މިގޮތަށް ބަދަލު ކުރަން ޖެހޭ ކަމުގައެވެ. އަދި މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް “މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ، ލިޔެކިޔުމާއި، ނޯޓުތަކާއި، ފޯން ކޯލާއި، ޓެކްސްޓް މެސެޖާއި، އެ ނޫންވެސް މުއާމަލާތްތަކާއި، އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން” ވެސް ރައީސް ސޯލިހަށް ގޮވާލާފައިވެއެވެ.

އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެފަރާތުން ހުށަހަޅަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި “ނެސެސިޓީ” އަދި “ޕްރޮޕޯޝަނަލިޓީ” ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރު އުވާލަން ވެސް ގޮވާލިއެވެ.

ބިލްގެ 136 ވަނަ މާއްދާގެ (ނ) (4) “ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން” އެއިބާރާތުގައި ވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެއްކަމުން އެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ ބިލްގެ 136 ވަނަ މާއްދާގެ (ނ)ގެ (6)ގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ އެ ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެ އިބާރާތުގެ ބަދަލުގައި، “ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން” އެގޮތަށް ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި ވާގޮތުން މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް އެ މާއްދާގެ ތަފްސީލުގައި ބަޔާންކޮށްފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި އެ ޖަމްއިއްޔާތަކުން ގަބޫލުކުރެއެވެ.

އިތުރަށް ބަޔާނުގައި ބުނީ ބިލް މަޖިލީހަށް ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީއިން ނޫސްވެރިންގެ ހައްގުގައި ބިލަށް ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށާއި، ކޮމިޓީގައި ހަ މަސް ވަންދެން އޮތް އެ ބިލު ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަވަސްކޮށްލައިގެން ފާސް ކުރި އިރު، ކޮމިޓީއިން ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ވަގުތެއް ދިން ކަމަށް އެ ޖަމްއިއްޔާތަކުން ގަބޫލު ނުކުރާ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button