ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ މައްޗައް މިހާރު ހިންގާ ތަހުގީގަކީ ސިޔާސީ ނުފޫޒުން ހިންގާ މަސައްކަތެއް: އިދިކޮޅު

ކުރިން ތަޙުޤީޤު ނިމިފައިވާ މައްސަލައެއްގެ ތަޙުޤީޤު އަލުން ފެށުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ހިންގާ މަސައްކަތެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅު ކޯލިޝަނުންވަނީ ސަރުކާރުގެ މިޢަމަލު ކުށްވެރި ކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2021 ޖުލައި 9 އަދި 11 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާން ތަކުގައި ސޮއި ކުރައްވާ ތަޙުޤީޤު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ. އަދި އެކަމާއި މެދު އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

”މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަޙުޤީޤު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ.“

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީން ގެ މައްސަލައިގެ ތަޙުޤީޤެއް އަލުން ފަށާފައި މިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅުންވަނީ ތުހުމަތުކޮށްފައެވެ.

ރައީސް ޔާމީން، ތަހުގީގު ކުރިން ނިމިފައިވާ މައްސަލަތަކެއްގައި ފުލުހަށް ހާޒިރުކުރަމުންގެންދާތީ ރައީސް ޔާމީންގެ ވަކީލުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ، އިއްޔެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރިއިރު، ވަކީލުންގެ ހައްގުން މަހުރޫމް ކުރި ކަމަށް ބުނެ ފުލުހުންނަށް ފާޑުވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button