ޚަބަރު

ދިއްފުށީ މާރާމާރީ: ފުލުހުންނަށް ހަމަލާ ދިން މީހާގެ ބަންދަށް 10 ދުވަސް

ކ.ދިއްފުށީގައި ހިނގި މާރާމާރީއެއްގައި ފުލުހުންނަށް ހަމަލާދިން މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައަކީ އެ ރަށު 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިމަހުގެ 14 ވަނަ ދުވަހު، ތުހުމަތުކުރެވޭ މީހާއަށް ބަޔަކު ނިކުމެ ހަމަލާދީ ފުރާނައަށް ނުރައްކާ ވާވަރަށް ތަޅާ އަނިޔާ ކުރި ކުރުން ހުއްޓުވަން ފުލުހުން ނިކުތުމުން ހިނގި ހަމަނުޖެހުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމަކުގެ ސަބަބުން ފުލުހުންނަށްވެސް އަނިޔާވި ކަމަށާއި، ތުހުމަތު ކުރެވޭ މީހާގެ މައްސަލައިގެ އިތުރުން މާރާމާރީ ހިންގި މީހުންގެ މައްސަލަވެސް ބަލަމުންދާ ކަން ފުލުން ފާހަގަކުރިއެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމަކު މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ކުރިމަތީ ތަޅާ ސުންނާފަތި ކުރި އިރުވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ޖިންސީ ގޯނާގެ ތުހުަމަތު ކުރެވުނު މީހާ އޮތީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު އެއީ އެ ރަށު އަންހެނަކާ އިނދެގެން އުޅޭ ގއ.ވިލިނގިލީ މީހެކެވެ. އެ ހާދިސާ ހިނގާދިޔަގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ތުހުމަތު ކުރެވޭ މީހާ ބުނާގޮތުން އޭނާ އަށް ހަމަލާ ދިނުމުގެ އަޑީގައި ހުރީ އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާއެވެ. އަދި އެއީ އޭނާ ނުކުރާ ކަމެއް ކަމަށާއި، ބޮޑު އީދަށް އެރަށަށް ދިއުމުން ޖިންސީ ގޯނާގެ ތުހުމަތު އަޅުވައި ތަޅައިގަތް ކަމަށް އޭނާ ބުނެއެވެ. އެކަމަކު މި މައްސަލައިގެ ހަގީގަތް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

އަނިޔާ ލިބުމާއި ގުޅިގެން އެޑްމިޓްކޮށްފައިވާ މީހާ ބުނާގޮތުގައި އެކަމުގައި ފުލުހުންގެ ސާޖެންޓް ރޭންކުގެ މީހަކުވެސް ވަނީ ބައިވެރިވެފައެވެ. އަދި ވީޑިއޯގައި އޭނާ ދައްކާ ވާހަކައަކީ ހަގީގަތެއް ތޯ ”ބޮންތި“ އިން ފުލުހުންނާއި ސުވާލު ކުރުމުން ސީދާ އެ ވީޑިއޯގައި ދައްކާ ވާހަކަ އާއި ބެހޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ. ކުއްޖާގެ މެޑިލަލް ރިޕޯޓު ހެދިކަމެއްވެސް އަދި ސާފެއް ނޫނެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި އާންމުކޮށް ތުހުމަތު ކުރެވޭ ފަރާތަކާމެދު ދައުވާ ކުރަނީ ކުއްޖާ ދައްކާ ވާހަކައާއި، މެޑިކަލް ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހުގައެވެ. އެހެން ކަމުން މި މައްސަލައިގައި އެއީ ހިނގިކަމެއް ކަންވެސް ނުވަތަ ނުހިނގާކަމެއްކަންވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ނޭނގެއެވެ. އަނިޔާ ލިބުނު ފަރާތުން ބުނާގޮތުގައި އޭނާ އެކަމަށް އެއްބަސްވެފައިވާކަން މާރާމާރީ ހިންގި މީހުންގެ ތެރެއިން އެކަކު ބުނުމުން ރަށުގެ މަސްލަހަތު ހޫނު ވިއެއް ކަމަކު އޭނާ އެކަމަށް އެއްބަސްވެފައި ނުވާކަމަށާއި، މަރާލިޔަސް ނުކުރާ ކަމަކަށް އެއްބަސް ނުވާނެ ކަމަށް އެމީހުން ގާތު ބުނެފައިވެއެވެ.

އެހެން ކަމުން މި މައްސަލައިގައި އިތުރަށް ކަންކަން ސާފުވެގެން ދާނީ ފުލުހުންގެ ތަހުގީގުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button