ޚަބަރު

މަޑުއްވަރީ ރޭޕް: މައްސަލަ އަލުން ތަހުގީގު ކޮށްދިނުމަށް އެދިއްޖެ

ރ.މަޑުއްވަރީގައި 3 މާޗު 2021 ގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު އޮޅުވާލައިގެން ގެސްޓު ހައުސް އަކަށް ގެންގޮސް ވަޅިން ބިރުދައްކައި، ޖޫސް ތައްޓެއް ބޯން ދިނުމަށްފަހު 4 މީހަކު ވެގެން ރޭޕު ކުރި މައްސަަލަ އަލުން ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލަ އަލުން ބަލައިދިނުމަށް އެދުނީ ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާ އެވެ. މިކަމާ ގުޅިގެން ރިޒާގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ކުރި މަސައްކަތުން އޭނާ ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދުނު ސަބަބު ކިޔައިދީފައެވެ.

”އަޅުގަނޑުގެ ދަރިފުޅަށް މުހިންމީ އިންސާފު ލިބުން. އެކަން ކުރީ ކޮންމެ ބަޔަކަށް ވިޔަސް ދަރިފުޅުގެ ދިރިއުޅުން ދުއްވާލި މައްސަލައަށް އިންސާފު ލިބެންޖެހޭ. މި މައްސަލަ ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ ހެކި އެބަހުރި.“ ރިޒާ ބުންޏެވެ.

އެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވުނީ އެ ރަށު ސްކޫލު ޓީޗަރެއް ކަމަށްވާ މުއީން ހަސަނަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު، މުއީނުގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނި އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ. މުއީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގު ކުރާއިރު، މުއީން ފްރޭމްކޮށްފައިވާ ކަމަށް ތަކުރާރުކޮށް އޭނާ އަންނަނީ ބުނަމުންނެވެ. އަދި އޭނާ އާއި ގުޅުވައި ކުރާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މުއީން އެ މައްސަލަ ސިފަކުރެއެވެ.

މުއީން އާއި ސަމަރޭ އަދި އެޑަމް ނަމަކަށް ކިޔާ މީހެއްގެ އޯޑިއޯއެއްވެސް ދާދިފަހުން ޗެނަލް 13 އިން ވަނީ ގެނެސްދީފައެވެ. އެގޮތުން ހުކުރު ދުވަހު ޗެނަލް 13 އިން ގެނެސްދިން ހަޖަމް ޕްރޮގްރާމުގައި މުއީނުގެ އެދުމުގެ މަތިން މުޅި އޯޑިއޯ ގެނެސްދީފައިވެއެވެ. އެ އޯޑިއޯގައި އެ މައްސަލަ ކުރިޔަށްދާ ގޮތް ބެލުމަށް ސަރުކާރުގެ އިސް ވެރިންނާ މުއީންގެ ފަރާތުން ސަމަރޭ އާއި އެޑަމް ވާހަކަ ދައްކާފައިވާކަން ހާމަވެއެވެ. މުއީން ބުނާގޮތުގައި އެއީ އޭނާ ނުފޫޒު ފޯރުވަން ކުރި ކަމެއް ނޫނެވެ. އެއީ އޭނާ ފްރޭމް ކުރަން އުޅޭތީ އެކަން ހުއްޓުވަން ކުރި ކަމެކެވެ. އެކަމަކު އެ އޯޑިއޯގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަވެއެވެ.

މި މައްސަލަ އަލުން ބަލައިދިނުމަށް ކުއްޖާގެ ބައްޕަ އެދިފައިވާއިރު، މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި މިހާތަނަށް ނުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button