ޚަބަރުސިޔާސީ

ޢިލްމުވެރިންނާ ސިޔާސީ މީހުން ޖަލުގައި ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ؟

ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފިއެވެ.

ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިރަކާ ނުލައި މަޖާ ކުރުން ބޮޑުކުށަކަށް ނުވާ ކަމުގައެވެ. އެކަމަކު ޢިލްމުވެރިން ޙައްގު ބަސް ބުނެގެން ޓެރަރިސްޓުންނަށް ވެއްޖެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ކޮބައިތޯ އަނިޔާ ނުދެވި؟ ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ؟“ ޖަމީލް ވިދާޅުވިއެވެ.

ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގާލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއްކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 21 ވަނަ މާއްދާ އިން މިނިވަންކަމުގެ މައި ތަނބު ކޮންމެ ރައްޔިތެއްގެ މައްޗަށް ކަށަވަރު ކޮށްދޭ ކަމުގައެވެ.

ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި ބުނާގޮތުގައި ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރި ކުރުމުގެ ހައްގު ލިބިގެންވެއެވެ. އަދި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަދައިފައިވާ ގާނޫނަކާ އެއްގޮތަކަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން އެއިން ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެން ނުވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާއަކީ ހައްގުތައް ކަށަވަރުކޮށްދޭ މާއްދާއެކެވެ.

ޑރ. ޖަމީލު ވިދާޅުވިގޮތުގައި ޢިލްމުވެރިންނަށް ވަނީ ވަކި ޖަމާޢަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެކެވެ. ޖަމީލުގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިލްމުވެރިންނާއި ސިޔާސީ ބަޔަކު ހައްޔަރު ކޮށްފައިވާ މައްސަލައަށެވެ.

އެ މައްސަލައިގައި ޝެއިޚް އާދަމް ނިޝާން އާއި، ޝެއިޚް ފަޟްލޫން ބިން މުހައްމަދު އާއި، ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން 17 މީހަކު ވަނީ ހައްޔަރުކޮށް ދިގު ބަންދުގެ މުއްދަތެއް ޖަހާފައެވެ.

ޖަމީލުގެ ޓުވީޓުގައި ދެން އަލިއަޅުއްވާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއި މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ލިވާތު ކުރި މައްސަލައިގައި އަލަމް ގިރި ހައްޔަރު ކުރުމަށްފަހު ނާޒިމް ސައްތާރު ހައްޔަރު ނުކުރާ މައްސަލައަށެވެ. އެ މައްސަލައިގައި ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ މައްޗަށްވެސް ލިވާތު ކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ނާޒިމް އާއި ކާނަލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އަންހެނަކާ ޖިންސީ ގުޅުން ހިންގި ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. އެކަމަކު އެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button