ޚަބަރުސިޔާސީ

އައިއެމްއެފް އިން ލަފާދީފައިވަނީ އިންފްލޭޝަން ދަށްނުވަނީސް ޖީއެސްޓީ ބޮޑުނުކުރަން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ލަފާދީފައިވަނީ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް ކަން ހާމަވެއްޖެއެވެ.

އެގޮތުން މިކަން ހާމަވެފައިވަނީ މިދިޔަ މަހުގެ 16 ގައި އައިއެމްްއެފުން ނެރުނު ރިޕޯޓަކުންނެވެ. މި ރިޕޯޓުގައި ބުނެފައިވަނީ، މިހާރު ދުނިޔޭގައި އޮތް އިންފްލޭޝަނަރީ ޕްރެޝަރާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް މުޅިން ހަމައަކަށް އެޅިފައި ނުވާތީ، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން ލަފާދޭ ކަމަށެވެ.

އެހެން ނަމަވެސް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރައްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ޓެކްސް ރޭޓު ބޮޑުކުރީ އައިއެމްއެފްއިން ދިން ލަފާގެ ދަށުން ކަމަށެވެ.

އެގޮތުން ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމުމާއި ގުޅިގެން ސަރުކާރަށާއި، އަދި ހާއްސަކޮށް މިނިސްޓަރ އަމީރަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އެހެން ނަމަވެސް މިހާތަނަށް މިނިސްޓަރ އަމީރު މި ބަދަލު ދިފާއުކޮށް ވިދާޅުވެފައިވަނީ، މިއީ ދުނިޔޭގެ މާލީ އިދާރާތުން ދީފައިވާ ލަފަޔާއި ހިލާފަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކެއް ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button