ޚަބަރުސިޔާސީ

ރޮޒައިނާ އާދަމަށް ދާއިރާގެ ޓިކެޓު ގެއްލިއްޖެ

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި އެ ޕާޓީގެ އެތެރޭގައި ނުފޫޒު ގަދަ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ނާކާމިޔާބުވެ، ދާއިރާގެ ޓިކެޓު ގެއްލިއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާގެ މަޤާމުގައި ހުރި ރޮޒައިނާއަކީ އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވަރަށް ގާތް އަރިސް ބޭފުޅެކެވެ.

ވަގުތީ ނަތީޖާއިން ހާމަވި ގޮތުގައި ޕްރައިމަރީ ކާމިޔާބުކުރައްވައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ އަޙްމަދު ޝަރީފެވެ. އޭނާއަށް ޕްރައިމަރީގައި ޖުމްލަ 257 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ރޮޒައިނާއަށް ލިބިވަޑައިގަތީ 221 ވޯޓެވެ. އޭނާގެ ފަހަތުން ވާދަކުރެއްވި އަޙްމަދު ހަމްޒާއަށް 221 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ރޮޒައިނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ތާއީދާއެކު އެމަނިކުފާނުގެ ޑީއާރުޕީ ޓިކެޓުގައި 2009 ވަނަ އަހަރުއެވެ.

ޑީއާރުޕީ ބައިބައިވުމާއެކު އެއިރު އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީނު އަލީއާއެކު ރޮޒައިނާ މަސައްކަތްކުރެއްވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ތަސްމީނާއެކު ރޮޒައިނާ ވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި އައްޑޫ މީދޫ ދައިރާއަށް ވާދަކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ.

އެމްޑީޕީ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި އެޕާޓީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެންމެ ފާޅުކަންބޮޑުކޮށް ފާޑުވިދާޅުވެ، ރައީސް އިބްރާހީމުގެ ދިފާއުގައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ރޮޒައިނާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button