ޚަބަރުސިޔާސީ

ޝަންގްރިއްލާ ރިސޯޯޓް ހުޅުވޭނެ ތާރީހެއް ނޭނގޭ!

އައްޑޫ ސިޓީ ގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ޓޫރިޒަމް މިނިސްޓަރު އަބްދު މައުސޫމްއަށް ވިދާޅުވެ ނުދެއްވުނެވެ.

އެ ރިސޯޓު ހުޅުވޭނެ ތާރީހާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމަށް އަދިވެސް އެތަނުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށް މެނޭޖުމަންޓްއިން ބުނެފައިވާކަމަށެވެ. އެހެންވެ ރިނޮވޭޓް ކުރުމަށްފަހު އަލުން ހުޅުވުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވި ނަމަވެސް ވަކި ތާރީހެއް މިނިސްޓަރު ވިދާޅުނުވެއެވެ.

ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު މުއްދަތެއް ނެތްގޮތަށް ކެނެރީފް ރިސޯޓް އަދި ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮތުމަށްފަހު ކެނެރީފް ރިސޯޓުވަނީ މިއަހަރު ކުރީކޮޅުގައި ހުޅުވާފައެވެ.
މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭން އޮތް ހަމައެކަނި ގޮތަކީ އެ ރިސޯޓު ތަރައްގީ ކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް 30 ޕަސެންޓް ހިއްސާ ދޫކޮށްލައިގެން ނުވަތަ 68 މިލިއަން ޑޮލަރު ލިބިގެން ކަމަށެވެ. އަދި ޖުލައި މަހު ވިދާޅުވެފައިވަނީ މާކެޓް ވެލިއުގައި އެސެސްކޮށް އަގުހެދުމަށްފަހު ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ގަވާއިދު ހަދައިގެން ސަރުކާރުގެ ހިއްސާ ދޫކުށްލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ޖަލްސާގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ބަދަލުކުރުމަށް ފަތުރުވެރިކަމުގެ ގާނޫނަށް ގެނެވުނު ދިހަވަނަ އިސްލާހުގެ ތެރެއިން ހިސާބު ހަދައިގެން ވަރަށް ބޮޑު އަދަދެއް އައި ކަމަށާއި އެހެންވެ އެކަންތައް މަޖިލީހުން ބަދަލުކޮށް ފިނޭންސް މިނިސްޓްރީން ޝެއާ ޓްރާންސްފާރ ކުރުމާގުޅޭ ގަވާއިދެއް ހެދި ކަމަށެވެ.

”އެ ހަދަންޖެހޭ މިނިވަން އިވެލުއޭޝަން ހަދައި ނިމި، މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން އަޅުގަނޑަށް ހަބަރުދެއްވާ ގޮތުގައި މި ހަފްތާ ތެރޭގައި ފައިނަލް ރިޕޯޓު ނިންމާލެވޭނޭ… އަލުން ހިސާބު ހަދާލީމަ ހިއްސާ ބަދަލުކުރުމުގައި ސަރުކާރުން އެ ދޭންޖެހޭ ލާރިއާއި އަޅާ ކަނޑާފަ އެކަންތައް ހައްލުކޮށްލެވޭ ކަހަލަ ގޮތަކަށް އޮތްކަމަށް އަޅުގަނޑަށް ހަބަރު ލިބެނީ. ދެން އެއީ ވިދިވިދިގެން ހިނގާ ދެކަންތައް.“ މިނިސްޓަރު ވިދާޅުވި އެވެ.

ޝަންގްރިއްލާ ނުހުޅުވި ލަސްވުމަކީ އައްޑޫ ސިޓީގެ އާންމުންގެ މެދުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button