ޚަބަރު

އެލްޓީ ސްޕޯޓްސް ކްލަބާއި އެކު ރޮނާގެ އެނބުރި އައުން ވަރުގަދަ

6 އަހަރަށްފަހު ގައުމީ ޓީމުގެ ކުރީގެ ތަރި އާދަމް ލަރީފް (ރޮނާ) އެލްޓީ ސްޕޯޓްސް ކްލަބްގެ ޖޯޒީގައި ދަނޑަށް ނުކުމެ މޮޅު ކުޅުމެއް ދައްކައިފިއެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ރޮނާގެ ހުނަރު ދައްކާލާފައިވަނީ މިހާރު ކުރިއަށްދާ އެޕްއޭއެމް ދެވަނަ ޑިވިޝަން 2022 ގެ މުބާރާތުގައި އެލްޓީ ސްޕޯޓްސް ކްލަބްގެ ޖާޒީގައެވެ.

މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ނިއު ލެގޫންސް، ވެލެންސިއާ، ހުއްރިއްޔާ، އީގަލްސް އަދި މާޒިޔާއަށް ކުޅެފައިވާ ރޮނާ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި އެލްޓީ ސްޕޯޓްސް ކްލަބުން ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ މައްޗަށް ހޯދި 0-5 ގެ ކާމިޔާބީގައި، އެލްޓީ ސްޕޯޓްސް ކްލަބަށް 2 ގޯލް ކާމިޔާބުކޮށްދީ، 2 ގޯލް އެސިސްޓު ކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިގު މެދުކެނޑުމަކަށްފަހު ދަނޑުމަތިން ރޮނާ ފެނިގެންދިޔަ އިރުވެސް އޭނާގެ ހުނަރަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއީ 2016 ވަނަ އަހަރަށްފަހު ރޮނާ އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައި ފުރަތަމަ ފަހަރު ކަމަށްވީނަމަވެސް، އަދިވެސް ރޮނާގެ ރަންޒަމާނުގައި ފެނިގެންދިޔަ ހަލުވިކަމާއި، ބުންވަރާއި، ކުޅުމުގެ ތޫނުފިލިކަން އޭނާގެ ކިބައިން ފެނިގެން ދިޔައެވެ.

މީގެ ކުރިން ރޮނާ ވަނީ ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެ، 2008 ވަނަ އަހަރުގެ އެޕްއޭ ކަޕުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

2008 ވަނަ އަހަރުގެ ސާފް ޗެންޕިއަން ތަށި ރާއްޖެއަށް ކާމިޔާބުކޮށްދިން ގައުމީ ޓީމުގައިވެސް ހިމެނުނު ރޮނާ 2016 ވަނަ އަހަރު ކުޅުމާއި ދުރަށް ޖެހިލުމަށްފަހު ވަނީ ރާއްޖޭގައި ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ދިވެހި ފުޓުބޯޅައަށް ގިނަ ޙިދުމަތްތަކެއް ކޮށްދީފައެވެ.

އެލްޓީ ސްޕޯޓްސް ކްލަބާއެކު ރޮނާގެ އެންބުރި އައުން ވަތުގަދަކޮށް ފެނިގެން ދިޔައިރު މިއީ ދިވެހި ފުޓުބޯޅައަށް ލިބިގެންދާނެ އިތުރު ހިއްވަރަކާއި އާރޯކަމެއްކަަން ޔަގީނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button