
54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުއްވައިދެއްވާފިއެވެ.
ރައީސް ޞާލިޙް މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ ރޭ މިކަމަށްޓަކައި މާލެއަތޮޅު މާފުށީގައި ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޔޫތް އަދި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެން އިންތިޒާމް ކުރެއްވި ރަސްމިއްޔާތެއްގައެވެ.
މުބާރާތުގެ ރަސްމީ އިވެންޓްތައް ފަށާނީ މިއަދު ހަވީރު އެވެ. މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށްށެވެ. މިފަހަރުގެ މުބާރާތުގައި 24 ޤައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެއެވެ.
މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދަން ހަމަޖެހިފަ ވަނީ މާފުށީގަ އެވެ. އެހެންނަމަ ވެސް އަންހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކްރޮސް ރޯޑްސްގައެވެ.
ބޮޑީ ބިލްޑިން މުބާރާތާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ވަރަށް ގިނަ ދީނީ އިލްމުވެރިން ވަނީ މިފަހުން ނުރުހުން ފާޅުކޮށް ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވާ ހާލު މި މުބާރާތް ނުބޭއްވުމަށް ގޮވާލާފައެވެ.