ޚަބަރު

މަޑުއްވަރީ ރޭޕްކޭސް އާއި ގުޅުވާ އަޅުގަނޑޭ ކިޔައިގެން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކައެއް: މޫކޭ

ހަތަރު މީހަކު ވެގެން ރ.މަޑުއްވަރީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް އޮޅުވާލައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލަ އާއި ގުޅުވައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކް(މޫކޭ) އާއި ގުޅޭ ގޮތުން ފެތުރިފައިވާ އަޑުތަކަކީ ހަގީގަތާއި ހިލާފު ވާހަކަ ތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މޫކޭ މިފަދައިން ވިދާޅުވީ މަޑުއްވަރީ ރޭޕްކޭސް އާއި ގުޅިގެން އަނިޔާ ލިބުނު ކުއްޖާއަށް ވަޅިން ބިރުދައްކައި އެއްޗެއް ބޯން ދިނުމަށްފަހު ރޭޕުކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު މުއީން މިނިވަން ކުރުމުގައި މިސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މޫކޭ ނުފޫޒު ފޯރުވިކަމަށް ބުނާ އޯޑިއޯތަކެއް ”ބޮންތި“ އަށް ލިބިގެން އެކަމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މޫކޭ ވިދާޅުވީ އޭނާ ނޫން ކޮންމެ މީހަކަށްވެސް އޭނާގެ ނަން ބޭނުންކޮށްގެން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ ކަމަށާއި، މި މައްސަލަ އާއި ގުޅިގެން ދެކެވޭ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަ ތަކެއް ކަމަށެވެ.

”އަޅުގަނޑު ނޫން ކޮންމެ ބަޔަކަށްވެސް އަޅުގަނޑުގެ ނަން ލައިގެން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ ދެއްތޯ؟ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގެއް.“ މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރަށް މޫކޭ ވަނީ ފާހަގަ ކުރެވުނު މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އޭނާއަށް ގުޅައި އެއްވެސް މުއާމަލާތެއް ދެފަރާތުންވެސް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

”ފާހަގަ ކުރެއްވި މައްސަލައިގައި ތި ދެންނެވި އެއްވެސް ފަރާތަކުން އަޅުގަނޑާއިވެސް އަޅުގަނޑު އެފަރާތަކާއިވެސް މަޝްވަރާ ކުރެވިފައި ނުވާނެ.“ މޫކޭ ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު މެދުވެރިކޮށް މި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވަނީ ރެކޯޑު އަދަދަކަށް ތިޖޫރީ ގެއްލުނު ކުންފުނި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (މޫކޭ) ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި މޫކޭ މެދުވެރިކޮށް ފައްޔާޒު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ނުފޫޒު ފޯރުވިކަން ހާމަވާ ހެކިތައް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

މި އޯޑިއޯ ތަކުގައި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ރަށުގައި އުޅޭ އެމްޑީޕީގެ 2 އެކްޓިވިސްޓަކާއި ފޯނުން ކުރި މުއާމަލާތުގައި މޫކޭ މެދުވެރިކޮށް ރައީސް ސޯލިހު އާއި އަލީ ޒާހިރު އާއި، ފައްޔާޒުގެ އިތުރުން އިމްރާނު އާއި ވާހަކަ ދައްކާ ކަމަށް ބުނާ އަޑު އިވެއެވެ.

އެއް އޯޑިއޯގައި ތުހުމަތު ކުރެވޭ ޓީޗަރާއި ވާހަކަ ދެއްކި މީހާ ވަނީ މޫކޭ ރައީސް ސޯލިހު އާއި އަލީ ޒާހިރަށް ގުޅިކަމަށް މޫކޭ ޔަގީން ކޮށްދިން ކަން ހާމަކޮށްފައެވެ.

މީގެ އިތުރަށް މި މައްސަލައިގެ ވާހަކަ އިތުރަށް ނުދެއްކުމަށް މޫކޭ އަންގާފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް މިހުރިހާ ތުހުމަތުތަކަށް މޫކޭ ވަނީ އިންކާރު ކުރައްވާފައެވެ.މި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 11 މާޗު 2021 ގައެވެ.

މިކަމާ ގުޅިގެން ފުލުހުން އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުގައި ބަލައި، އެ މައްސަލަ އެ އިދާރާގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓުމެންޓުން ތަހުގީގުކުރަމުން ގެންދިޔަ ނަމަވެސް ނަމަވެސް ފުލުހުންނަށް ކުރިމަތިކުރުވި ނުފޫޒާއި ގުޅިގެން މީގެން އެއްވެސް ހެއްކެއް އެއީ ނެތް އެއްޗެއްކަމުގައި ބަލައި މި މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button