ޚަބަރު

އެމްއާރުޑީސީ އުވާލީ އެ ކުންފުންޏަށް ލިބެންޖެހޭ 171 މިލިއަން ރުފިޔާ ނުހޯދާ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލިއިރު، އެ ކުންފުންޏަށް ލިބެންޖެހޭ 171.7 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އިއްޔެ އާންމުކުރި ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އެމްއާރުޑީސީ އުވާލުމުގެ މަސައްކަތްކުރުމަށް 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތްކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރި އިރު، އެ އެއްބަސްވުމުގައި ވަނީ ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކުންފުނީގެ އެސެޓުތައް ހިފަހައްޓައި، ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާ އެއް ކަމަށް ނިންމާފައެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު، އެމްއާރުޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރު ނުކުރާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ތަފްސީލު ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދާ ރައްކާތެރި ކުރުމާއި، އެކި ފަރާތްތަކުން ކުންފުންޏަށް ލިބެންހުރި ދަރަނިތައް ހޯދުމަކީ ކުންފުންޏާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.
ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮތް އެމްއާރުޑީސީ އުވާލަން 2018 ވަނަ އަހަރު ރައީސް އޮފީހުން ނިންމީ، އެ ކުންފުނި ފަންކްޝަން ނުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button