ޚަބަރުސިޔާސީ

ފަލަސްތީނުގެ ހައްގުގައި ތެދުވުމުން އިންތިހާބީ ރައީސް ޑރ.މުއިއްޒުއަށް ދުނިޔޭގެ ސަމާލުކަން މިލިއަނުން!

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ޒައިނިސްޓުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާތަކާއި ދެކޮޅަށް ބަސް ވިދާޅުވެ، ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެކްސްކޮމްގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް މިލިއަން އާންމުންގެ ސަމާލު ކަމާއި ތާއީދު އެމަނިކުފާނަށް ލިބިވަޑައިގެންފިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ގަބޫލުކުރަން ވެއްޖެކަމުގައެވެ.

”އީސްޓް ޖެރުސެލަމަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް 1967 ވަނަ އަހަރު އޮތް އިން ވަކިކުރާ ބޯޑަރުތަކަށް އެނބުރި ގޮސް، ފަލަސްތީނުގެ ރެފިއުޖީން އަނބުރާ އެގައުމަށް ވަނުމުގެ ފުރުސަތު ހުޅުވާލަން ޖެހޭ.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ފަލަސްތީނުގެ ބިން ތަކަށް ވެރިވެގަނެގެން ގަދަކަމުން އަތްގަދަކޮށްގެން އުޅޭ އިޒްރޭލުގެ ސިފައިން އެ ބިންތައް ދޫކޮށް، ފަލަސްތީނުގެ އަހުލުވެރިންނަށް އެމީހުންގެ ގައުމު އަނބުރާ ދޭން ޖެހެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ރެޔާއި ދުވާލު ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތް ތަކުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button