ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް ފިލުވީ އިންޑިއާ ސަރުކާރުން އަންގައިގެން ކަމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
“މިނިވަންކުރޭ” މިނަމުގައި ޔޯގާ ހަރަކާތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅުން ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދިނުމާއި ގުޅިގެން މުންދު ވިދާޅުވީ ގޮތަބަޔާ ފިއްލެވުމުގައި ދިވެހި ސަރުކާރުގެ ހުރިހާ ވެރިން ޒިންމާ ނަންގަވަން ޖެހޭ ކަމުގައެވެ.
”ވަރަށް ބިރުވެރި ކަމެއް. ސަބަބަކީ އިންޑިއާއިން މި މީހުން ކައިރީގަ އަނބިމީހާ ވަރި ކުރާށޭ ބުންޏަސް ނޫނޭކޭ ބުނާކަށް ނުކެރޭނެ.“ މުންދު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި ދައުލަތް އޮތީ އެގައުމުގެ ދަށުވެފައެވެ. އަދި އިންޑިއާ ސަފީރު ބުނާ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަން މުންދު ފާހަގަކުރެއްވިއެވެ. މުންދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.