ޚަބަރުސިޔާސީ

ސޯލިހަކީ ބަސްމަދު އަމަލު ގިނަ ރައީސެއް: އެމްޓީޑީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ބަސްމަދު އަމަލު ގިނަ ރައީސެއް ކަމަށް މޯލްޑިވްސް ތާޑުވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޓީޑީއިން ކުރި ޓުވީޓެއްގައި ބުނީ ލަންކާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސުލްހަވެރިކަމާއި އެކު އެގައުމުގެ ރައީސް އިސްތިއުފާ ދެއްވައި، މުޅި މި ސަރަހައްދައް ފިނިކަން ގެނެސްދެއްވި އާރުކާޓީއަކީ ރައީސް ސޯލިހު ކަމުގައެވެ.

”ބަސްމަދު އަމަލުގިނަ ރައީސް ސާލިހުއަށް މަރުހަބާ ދަންނަވަން. ފާޑު ކިޔުމަކީ ފަސޭހަ ކަމެއް، ކަން ކުރާނީ ލީޑަރުން. ކުރިޔަށް ދިވެހި ގައުމު.“ އެމްޓީޑީއިން ބުންޏެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދިން ކަމަށް ރައީސް އިބްރާހިމް މުހައްމަދުގެ ކޯލިޝަން ސަރުކާރުން ވަނީ އިއްޔެ އެއްބަސް ވެފައެވެ.

ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ކުރީ ލަންކާ ސަރުކާރުން އެދިގެން ކަމުގައެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި އެއާފޯސްގެ މަތިންދާބޯޓަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވަނީ ޓްރާންސިޓް ވުމަށް ރާއްޖެ އަންނަން ޖެހޭތީކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަޔާނުގައިވާގޮތުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 14 ވަމަ ދުވަހުގައެވެ.

ގޮތަބަޔާ ރާއްޖެ ގެނައުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތީ ސަރުކާރުގެ އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު އެމަނިކުފާނު އެކަމުގައި އުޅުއްވަން ޖެހިވަޑައިގަންނަވާ ހައިސިއްޔަތަކީ ކޮބައި ކަމެއް ނޭނގެއެވެ.

ސަރުކާރުގެ މި އަމަލުގެ ސަބަބުން ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެއިން ވަތް ކަމަށް ބުނެ ލަންކާ ރައްޔިތުން ވަނީ އެގައުމާއި ރާއްޖޭގައިވެސް މުޒާހަރާ ކޮށްފައެވެ.

One Comment

Leave a Reply to މުންޖިޗޭ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button