ރިޕޯޓް

މަޑުއްވަރީ ރޭޕް: ތުހުމަތު ކުރެވޭ ޓީޗަރު މައްސަލަ ކުރިޔަށް ދާ ގޮތް ބަލަން ފައްޔާޒު އާއި މޫކޭގެ އެހީއަށް އެދޭ އޯޑިއޯތަކެއް

ހަތަރު މީހަކު ވެގެން ރ.މަޑުއްވަރީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް އޮޅުވާލައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ވަޅިން ބިރުދައްކައި އެއްޗެއް ބޯން ދިނުމަށްފަހު ރޭޕުކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު މިނިވަން ކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކް(މޫކޭ) ނުފޫޒު ފޯރުވިކަމަށް ބުނާ އޯޑިއޯތަކެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.

މައްސަލައިގެ ފެށުން

މި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 11 މާޗު 2021 ގައެވެ.

ރ. މަޑުއްވަރިން އަންހެން ކުއްޖަކު ރޭޕްގެ ޝިކާރައަކަށްވިކަން އެނގުނީ އެ ކުއްޖާ އެހެން މީހުންނާއި އެކަހެރިކޮށް އުޅެން ފެށުމުންނާއި، ފިރިހެނަކު ފެންނަ އިރަށް ބިރުން ހަޅޭއްލަވައި ހަދަން ފެށުމުން، އެ ކުއްޖާގެ މައިންބަފައިން ކުއްޖާ ރަށު ސިއްހީ މަރުކަޒަށް ދެއްކުމުންނެވެ. އޭގެ ކުރިން އާއިލާއަށް ހީކުރެވުނީ ރޫހާނީ ކަމެއް އުޅޭހެންނެވެ. އެގޮތުގެ މަތިން ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޝަރުއީ ރުގްޔާ ކުރާ މީހަކަށް އެ ކުއްޖާ ދެއްކުމުން، އެއީ އެކަލަ ކަމެއް ނޫންކަމަށް ބުންޏެވެ. އަދި ނަފްސާނީ މީހަކަށް ދެއްކުމުން އެއީ ނަފްސާނީ ކަމެއް ނޫންކަންވެސް އެނގުނެވެ.

ފުލުހުންގެ ބަސް

މިކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުގައި ބަލައި، އެ މައްސަލަ އެ އިދާރާގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓުމެންޓުން ތަހުގީގުކުރަމުން އަންނަ ކަމުގައެވެ.

މައްސަލަ ހުށަހެޅުމާއެކު އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެ ރަށުގެ ސިއްހީ މަރުކަޒަށް ކުއްޖާ ދައްކާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ހާއްސަ ޑޮކްޓަރުންނަށް ކުއްޖާ ދެއްކުމަކީ މުހިއްމު ކަމެއް ކަމުގައި ބެލެވި، އެ ރަށް ހިމެނޭ އަތޮޅުގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލުގެ ސްޕެޝެލިސްޓު ޑޮކްޓަރުންނަށް ކުއްޖާ ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ ކުއްޖާ މާލެ ގެނެސް އިތުރު އެސެސްމެންޓު ހެދުމުގެ މަސައްކަތްކޮށްފައިވާ ކަމުގައެވެ. އެގޮތުން ނަފުސާނީ އަނިޔާއެއް އެ ކުއްޖާއަށް ލިބިފައިވޭތޯ ބެލުމަށް ސައިކޭޓްރިސްޓަކަށް ދައްކައި، ސައިކިއާޓްރިކް އެސަސްމެންޓު ހެދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ތުހުމަތުވާ މީހުން ހައްޔަރު ނުކޮށްގެން ރަށުގައި ހިނގައިދިޔަ ހަމަނުޖެހުން

މަޑުއްވަރީގައި ހިނގައިދިޔަ މި ހާދިސާ އާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.

އެގޮތުން އެ މައްސަލާގައި ތުހުމަތުވާ އެއްވެސް ފަރާތަކާ ދެކޮޅަށް ހެކި ނެތްކަމަށް ބުނެ ފުލުހުން އެއްވެސް މީހަކު ހައްޔަރު ހައްޔަރުނުކޮށް ގިނަ ދުވަސްވަމުން ދިއުމާއި ގުޅިގެން މަޑުއްވަރީގައި ގިނަ ބަޔަކު ނުކުމެ ސިލްސިލާ ގޮތެއްގައި އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މުޒާހަރާގެ ބައިވެރިން ނާއި ފުލުހުންނާއި ހިނގައިދިޔަ ކުރިމަތިލުންތަކެވެ. މުޒާހަރާ ހަމަ ނުޖެހުމަކަށް ބަދަލުވެ ޕޮލިސް ސްޓޭޝަނަށް އެކިވަރުގެ ގެއްލުންތައް ދީފައިވާއިރު، އަޑު އުފުލި ރައްޔިތުންނާއި ދެކޮޅަށް ފުލުހުންނަށް ޖެހުނީ ބާރުގެ ބޭނުން ކުރާށެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ހައްޔަރު ކުރުމަށް ގޮވާލައި އެރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި މީހުންގެ ތެރެއިން 10 މީހުން ފުލުހުން ހައްޔަރުކުރިއެވެ.

މުއައްސަސާތަކުގެ ދޯހަޅިކަން

މި މައްސަލައިގައި ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި އެއް މުއައްސަސާއަކީ ޖެންޑަރ މިނިސްޓްރީއެވެ. ރާއްޖޭގައި ހިނގާ ރޭޕް އާއި ޖިންސީ ގޯނާގެ އެހެނިހެން މައްސަލަ ތަކެކޭ އެއްގޮތަށް މި މައްސަލައިގައިވެސް ޖެންޑަރ މިނިސްޓްރީއިން ނެރުނީ ފިނި ބަޔާނެކެވެ.

ހިނގާދިޔަ ހާދިސާ އާއި ގުޅިގެން މަޑުއްވަރީ ސިއްހީ މަރުކަޒުން އެ މައްސަލަ ޖެންޑާއަށް ރިޕޯޓުކުރުމުން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. ކުއްޖާގެ މައިންބަފައިން އޭރު ތިބީ ރަށުގައި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. އެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީން އާއިލާއަށްވެސް ގިނަ މައުލޫމާތުތަކެއް ސިއްރުކޮށްފައިވާކަމަށް އަޑުފެތުރުނެވެ. ހާދިސާ އާއި ގުޅޭ މުހިންމު މައުލޫމާތުތައް ޖެންޑަރ އިން ސިއްރު ކުރިއިރު، މިކަމާއި ގުޅިގެން ނޫސްވެރިން ކުރި ގިނަ ސުވާލުތަކުގެ ޖަވާބު އަދިވެސް ނުލިބެއެވެ.

ރައްޔިތުންގެ މަޖިލީހާއި، ފުލުހުން މި މައްސަލަ ބަލަމުން އަންނަ ކަމަށް ތަކުރާރުކޮށް ބުނިނަމަވެސް، އަދި މިހާތަނަށް މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދިނުމަށް ކުރިކަމެއް ކަރުދާހަށް ތިރިކުރެވޭ ވަރެއް ނުވެއެވެ. އެކަމަކު ”ބޮންތި“ އަށް އެނގިފައިވާގޮތުގައި ޖެންޑާ މިނިސްޓްރީއިން ކުރަން ޖެހޭ ހުރިހާ ކަމެއް އޮތީ ފުރިހަމަކޮށްފައެވެ. 

މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު މެދުވެރިކޮށް ތަހުގީގު ކުރިއިރު، މައްސަލަ ކުރިއަށް ގެންގޮސް ޝަރީއަތަށް ސާބިތު ކުރެވޭވަރަށް ހެކި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެން ނަމަވެސް މައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައި، އަދި އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމައި ފުލުހުންވެސް މައްސަލަ ފައިލް ކުރީއެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ފަރާތް ކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދައުރަކަށްވީ މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ގާތުން ބަލަމުންދާ ކަމަށް ބުނެ ސުރުހީ އަޅައިލުމެވެ.

މަޑުއްވަރީ ރޭޕް ކޭސް އާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މައްސަލަ ބަލަމުންދާ ކަމަށްބުނެ، މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން ކޮމިޓީއަށް ހާޒިރުކުރިއެވެ. އެކަމަކު އެކަންވެސް ދިޔައީ ފަނުފުލުންނެވެ.

ރޭޕްގެ ތުހުމަތު ފުލުހަކާއި ސްކޫލް ޓީޗަރާއި އިތުރު 2 މީހެއްގެ މައްޗަށް

އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ތުހުމަތުކުރަނީ 4 މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކުވެސް ހިމެނޭ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. މައްސަލައިގައި ފުލުހަކު ބައިވެރިކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިންވެސް އެހެނިހެން ހާދިސާތަކުގައި އަމަލު ކުރާ އުސޫލުން މި މައްސަލައިގައިވެސް ދެނަހުރި ކަމަށްވެސް ނުހެދިއެވެ. އެ ބުނާ ފުލުސް މީހާގެ މައްސަލަ އެންއައިސީއަށް ހުށަހަޅާފައިވާ އިރު، އެ ކޮމިޝަނުން ބުނީ އެ މައްސަލައިގައި ފުލުހަކު ބައިވެރިކަމަށް ކޮމިޝަނުން ކުރި ތަހުގީގުން އެނގެން ނެތް ކަމަށެވެ.

މައްސަލައިގައި ޝާމިލްވާ ކަމަށް ބުނާ ޓީޗަރު މަގާމުން ވަކި ކުރުން

މަޑުއްވަރީ ރޭޕް މައްސަލައާއި ގުޅިގެން 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ސަސްޕެންޑުކޮށްފައި ވަނީ އެރަށަށް ނިސްބަތްވާ، އެރަށު ސްކޫލްގެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭ މުއީން ހަސަން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ރޭޕުގެ ޝިކާރައަކަށްވީ އަންހެން ކުއްޖާގެ ވެސް ޓީޗަރެވެ. ރަށުން މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނާގޮތުގައި މުއީންގެ އިތުރުން، އެ ރަށުގެ އިތުރު މީހަކާއި، ފުލުހެއްވެސް އެ އަންހެން ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ވެއެވެ. އަދި އެކުއްޖާ ރޭޕްކޮށްފައިވަނީ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ގެންގޮސްގެން ކަމަށް މައުލޫމާތުލިބެއެވެ. އެ ގެސްޓްހައުސް އަށް ކުއްޖާ ގެންދިޔައީވެސް ސަސްޕެންޑު ކުރި ޓީޗަރު ކަމަށް ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ.

މުއީން ސަސްޕެންޑް ކުރިތާ 4 މަސް ފަހުން އޭނާގެ ސަސްޕެންޝަން އުވާލައި އަނބުރާ ވަޒީފާއަށް ނެރުނު ކަމަށް އޮންލައިން ނޫހެއް ކަމަށްވާ އަވަސް އިން މީގެ ކުރިން ރިޕޯޓު ކުރިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު މުއީން ސަސްޕެންޑު ކުރުމަށްފަހު އޭނާގެ ސަސްޕެންޝަން ޖުލައި މަހުގެ ފަހުކޮޅު އުވާލިކަމަށް އެ ނޫހުން ބުންޏެވެ. އޭނާ ސްކޫލަށް ކިޔަވައިދޭން އަލުން އަނބުރާ ނުކުތީ 2021 ވަނަ އަހަރުގެ އޯގަސްޓް 10 ގައި ފެށި ދިރާސީ އާ އަހަރާ އެކު އެވެ.

މިކަމާ ގުޅިގެން ”އަވަސް“ ނޫހަށް ދިން އިންޓަވިއު އެއްގައި މަޑުއްވަރީ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑީން ޓީޗަރު އަހްމަދު ޝަކީބް ވިދާޅުވީ ރޭޕް ކޭސްގައި ތުހުމަތު ކުރާ ޓީޗަރުގެ ސަސްޕެންޝަން އުވާލިކަން ޗިޓަކުން އެންގުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ. އެކަމަކު ސިވިލް ސާވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކި ކޮށްފައިވާކަން ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ.

މައްސަލަ ކުރިއަށް ނުގެންގޮސް ފައިލްކުރުމުގައި ފައްޔާޒާއި، މޫކޭ އާއި އަލީ ޒާހިރާއި، އިމްރާންގެ އިތުރުން ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުން މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ފުލުހުންނަށް ހޯމް މިނިސްޓަރު އިމްރާން އެންގި ކަމަށް ވެއެވެ. އަދި އެގޮތަށް މިނިސްޓަރު އިމްރާނަށް މަޖުބޫރު ކުރުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ފަޔާ ބުރޯ) އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު (އަލިޕީ) އިސް ދައުރެއް އަދާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ.

މިނިސްޓަރު ފައްޔާޒު މެދުވެރިކޮށް މި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވަނީ ރެކޯޑު އަދަދަކަށް ތިޖޫރީ ގެއްލުނު ކުންފުނި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (މޫކޭ) ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މޫކޭ މެދުވެރިކޮށް ފައްޔާޒު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ނުފޫޒު ފޯރުވިކަން ހާމަވާ ހެކިތައް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. މި އޯޑިއޯ ތަކުގައި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ރަށުގައި އުޅޭ އެމްޑީޕީގެ 2 އެކްޓިވިސްޓަކާއި ފޯނުން ކުރި މުއާމަލާތުގައި މޫކޭ މެދުވެރިކޮށް ރައީސް ސޯލިހު އާއި އަލީ ޒާހިރު އާއި، ފައްޔާޒުގެ އިތުރުން އިމްރާނު އާއި ވާހަކަ ދައްކާ ކަމަށް ބުނާ އަޑު އިވެއެވެ.

އެއް އޯޑިއޯގައި ތުހުމަތު ކުރެވޭ ޓީޗަރާއި ވާހަކަ ދެއްކި މީހާ ވަނީ މޫކޭ ރައީސް ސޯލިހު އާއި އަލީ ޒާހިރަށް ގުޅިކަމަށް މޫކޭ ޔަގީން ކޮށްދިން ކަން ހާމަކޮށްފައެވެ.

”މޫކޭ ބުނީ ރައީސުލް ޖުމްހޫރިއްޔާ އަލީ ޒާހިރުއަށް ގުޅައިގެން ބަލައިފިއޭ. ރައީސް ސޯލިހު އާއި ހަމައަށް ގޮސްފީމޭ، ރައީސް ނަޝީދު އާއި ހަމައަށްވެސް ގޮސްފީމޭ، މޫކޭ ބުނީ އަލީ ޒާހިރު މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާ އަށް ގުޅައިގެން ބަލައިފީމޭ.“ 

މީގެ އިތުރަށް މި މައްސަލައިގެ ވާހަކަ އިތުރަށް ނުދެއްކުމަށް މޫކޭ އަންގާފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މިކަން ދާނީ ސީދާ ރައީސް ސޯލިހު އާއި ހަމައިން ކަމަށާއި، އޭރުން މައްސަލަ ނިމޭނީ ތުހުމަތުކުރެވޭ ޓީޗަރު މުއީން އާއި އެއްކޮޅަށް ކަމަށް މޫކޭ އާއި ހަވާލާދީ އޭނާ ބުނެފައިވެއެވެ.

”މޫކޭ ބުނީ މިވާހަކަތައް ނުދައްކާ މަޑު ކުރާށޭ، މައްސަލަ ދަނީ ބަލަމުންނޭ. ތިމަންނައަށް ސީދާ ރައީސުލް ޖުމްހޫރިއްޔާ ގުޅާފަ އަލީ ޒާހިރު މެދުވެރިކޮށް ބެލި ވާހަކަ އާއި ހުރިހާ ވާހަކައެއް ކިޔައިދިނޭ.“

އޯޑިއޯގައި ޓީޗަރާއި ވާހަކަ ދައްކާ މީހާ ވަނީ ޖެންޑަރ މެދުވެރިކޮށް ބަޔާން ނެރުމަށް މޫކޭ އަރިހުން އެދޭނެ ކަމުގެ ޔަގީންކަން ތުހުމަތު ކުރެވޭ ޓީޗަރަށް ދީފައެވެ.

”އަހަރެން މާދަމާ މޫކޭ އާއި ވާހަކަ ދައްކާފަ ބުނާނަން ކަލޭ ދެން ޖެންޑަރ މިނިސްޓްރީއާއި ނޫނީ އަލީ ޒާހިރާއި ވާހަކަ ދައްކައިގެން ޖެންޑަރ މިނިސްޓްރީއިން ނޫސް ބަޔާނެއް އެއްޗެއް ނެރެދެވޭގޮތް ހަދައިދޭން“

އޯޑިއޯގައި ޓީޗަރާއި ވާހަކަ ދައްކާ ދެވަނަ މީހާގެ ވާހަކައިން މިނިސްޓަރު ފައްޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ހާމަވެފައެވެ. އަދި ފައްޔާޒުގެ ބަހުރުވައިން (ހަޑިހުތުރު ބަހުރުވަ) ހޯމް މިނިސްޓަރު އިމްރާނާއި މުހާތަބުކޮށް މައްސަލައިގައި ވާންޖެހޭގޮތް ކިޔަދިން ކަމަށް އޭނާ ބުނާއަޑު އިވެއެވެ.

”އަހަރެން އިންދާ މޫކޭ މިނިސްޓަރު ފައްޔާޒަށް ގުޅީ، ގުޅީމަ ފައްޔާޒު ބުނަނީ ތިމަންނަ މޫކޭ އެދުވަހު އެހެން ބުނުމާއިއެކީގަ އިމްރާނަށް ގުޅާފަ ފޑ ބނދފ މޯ. ބޯން ދިނީމަ އިމްރާން އޭތި ވަރަށް ރަނގަޅަށް ކިޔައިދީފިއޯ.“

މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ރައީސް ސޯލިހު މޫކޭއަށް ގުޅިކަމާއި، އެމަނިކުފާނުގެ އަމިއްލަ މައްސަލައެއްގެ ގޮތުގައި އެކަން ބެއްލެވިކަމަށް އޭނާ ވަނީ ބުނެފައެވެ.

”އެދުވަހު ރައީސް ކިޔާދިނީ ތިމަންނަ ތީތި އަމިއްލަ މައްސަލައެއްގެ ގޮތުގައި ނަގައިގެން ހަމަ ސީދާ ސީޕީ އަށް ގުޅައިގެން ތީތި ތިމަންނަ އޮޅުން ފިލުވައިފީމޭ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް ސީޕީ ބުނި ކަމަށް.“ 

މިކަމުގައި ސުވާލު އުފެދެނީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި މަގު ހަދާ ކުންފުންޏަކާއި ހަވާލުވެ ވަޑައިގެން ހުންނެވި ފަރާތަކުން ޖިންސީ ގޯނާގެ މައްސަލަތަކާއި، ނުވަތަ އެބޭފުޅުންގެ މެންޑޭޓުގައި ނުހިމެނޭ މައްސަލަތަކާއި ގުޅޭގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އަށް ގުޅަން ޖެހޭ ސަބަބަކާއި މެދުގައެވެ. އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް އެ ބޭފުޅުންނާ ”ބޮންތި“ އިން ވަނީ މުއާމަލާތްކޮށްފައެވެ. 

ސަރުކާރުގެ އިސްވެރިންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެބޭފުޅުންގެ ބަސް ހޯދުން

މި މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ ބޭފުޅުންނަށް ”ބޮންތި“ އިން ވަނީ ސީދާ ފޯނު ނަންބަރަށާއި، ވަޓްސްއެޕް މެދުވެރިކޮށް ގުޅާފައެވެ. އަދި އެބޭފުޅުންގެ ވަޓްސްއެޕަށް މެސެޖުވެސް ކޮށްފައިވެއެވެ.

ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަރުޖަމާނުގެ ބަސް

މިކަމުގައި ރައީސް ސޯލިހުގެ އަމިއްލަ އިސްނެންގެވުމަށް ހަރަކާތްތެރިވެވަޑައިގެންފައިވޭތޯ ބެލުމަށް ”ބޮންތި“ އިން އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު އާއި ގުޅުމުން ޖަވާބެއް ނުދެއްވިއެވެ.

އަލީ ޒާހިރުގެ ބަސް

މިކަމާ ގުޅިގެން ”ބޮންތި“ އިން އަލީ ޒާހިރު އާއި ވާހަކަ ދެއްކުމުން އަލީ ޒާހިރު ވިދާޅުވީ އޭނާއަށް ނޭނގި އޭނާގެ ނަން ވަރަށް ގިނައިން ބޭނުން ކުރާ ކަމުގައެވެ. އަދި ގާނޫނާއި ހިލާފް އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭކަން އަލީ ޒާހިރު ކަށަވަރު ކޮށްދެއްވިއެވެ.

”ސްޕެސިފިކް އިޝާރާތް ކުރައްވާފަ ތިވާ ވާހަކަ އެނގިފައެއް ނެތް.“ އަލީ ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒުގެ ބަސް

”ބޮންތި“ އިން ފައްޔާޒު އާއި ކުރި ސުވާލަކީ މޫކޭގެ ފޯނު ކޯލެއް ލިބުނުތޯ އާއި މި މައްސަލައަށް ނުފޫޒު ފޯރުވުމަށް ރައީސް ސޯލިހުގެ އަރިހުގައި ދެންނެވިތޯ ކުރި ސުވާލެވެ. މިކަމާ ގުޅިގެން ފައްޔާޒަށް ކުރި ފޯނު ކޯލުތަކާއި މެސެޖުތަކަށް އެބޭފުޅާ ޖަވާބެއް ނުދެއްވައެވެ.

މިނިސްޓަރު އިމްރާނުގެ ބަސް

އިމްރާނަށްވެސް ކުރި ފޯނު ކޯލުތަކާއި މެސެޖުތަކަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ”ބޮންތި“ އިން ވަނީ ފައްޔާޒު އިމްރާނަށް ގުޅިތޯ ސުވާލު ކޮށްފައެވެ.

މޫކޭގެ ބަސް

މައްސަލަ އޮއްބާލަން މޫސޭ މަސައްކަތް ކުރިންތޯ އާއި ފައްޔާޒުގެ އިތުރުން އަލީ ޒާހިރާއި ރައީސް ސޯލިހު އާއި މަޝްވަރާ ކުރެއްވިތޯ ”ބޮންތި“ އިން ކުރި ސުވާލަށް ދެއްވި ޖަވާބުގައި މޫކޭ ވަނީ މިކަމަށް އިންކާރު ކުރައްވާފައެވެ.

”އަޅުގަނޑު ނޫން ކޮންމެ ބަޔަކަށް އަޅުގަނޑުގެ ނަން ލައިގެން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ ދެއްތޯ؟ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގެއް. ފާހަގަކުރެއްވި މައްސަލައިގައި ތި ދެންނެވި އެއްވެސް ފަރާތަކުން އަޅުގަނޑާއިވެސް އަޅުގަނޑު އެފަރާތަކާއިވެސް މަޝްވަރާ ކުރެވިފައި ނުވާނެ.“ މޫކޭ ވިދާޅުވިއެވެ. 

ފާހަގަ ކޮށްލެވޭގޮތުގައި ޖިންސީގޯނާގެ މައްސަލަތަކާއި، ބްލެކްމެއިލް ކުރުމުގެ މައްސަލަތަކުގެ އިތުރުންވެސް ބޮޑެތި ޖަރީމާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހިމާޔަތް ކުރުމަށް މީގެ ކުރިންވެސް ދައުލަތުގެ އިސްވެރިން ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައެވެ. 

މިހާހިސާބުން މައްސަލައިގެ ތުހުމަތު ކުރެވެނު މުއީނު މީސް މީޑިއާގައި ދައްކާ ބައެއް ވާހަކަތަކަށްވެސް އަލި އަޅުވައިލާނަމެވެ.

މުއީނު އުފައްދާ ސުވާލުތައް

މުއީނުގެ މައިގަނޑު އޮތީ ދެ ސުވާލެވެ. މުއީނުގެ ފުރަތަމަ ސުވާލަކީ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކީއްވެތޯ އެވެ. އޭގެ ޖަވާބު މުޅި މައްސަލައަށް ބަލާއިރު ހާމަވެއެވެ.

ސަބަބަކީ ކުއްޖާއަށް އައި ބަދަލަކާ ގުޅިގެން އާއިލާއަށް ފުރަތަމަ ހީކުރެވިފައި އޮތީ ސިހުރުގެ ކަމެއް ކަމުގައެވެ. އެހެންވެ ކުއްޖާ ރުގްޔާ ކުރާ މީހަކަށް ދެއްކީއެވެ. އަދި އެފަދަ ކަމެއް ނެތް ކަން ޔަގީން ވުމުން އާއިލާއަށް ދެން ބެލެވުނީ ނަފްސާނީ މައްސަލައެއްގެ ގޮތުގައެވެ. އަދި ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން އެއީ ޖިސްމާނީގޮތުން ވެފައި ހުރި ކަމެއް ކަމަށް ބުންޏެވެ. އެއާއެކު ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓުތަކުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގުނު ހިސާބުން ފުލުހަށް މައްސަލަ ހުށަހެޅީއެވެ.

މުއީނުގެ ދެވަނަ ސުވާލަކީ އޭނާ ގެސްޓް ހައުސްއަށް ނުދާކަން އެތަނުގެ ވެރިމީހާ ބުނުމުން ނުފުދެނީ ކީއްވެ ތޯއެވެ.

މުއީން މި ސުވާލު އުފައްދާއިރު ހާދިސާ ހިނގި ދުވަހު ގެސްޓު ހައުސްގެ ވެރި މީހާ ހުރީ ރަށުން ބޭރުގައެވެ. އެހެން ކަމުން މުއީން އެބުނާގޮތަށް އޭނާއަށް ހެކިބަހެއް ނުދެވޭނެއެވެ. ގެސްޓު ހައުސްގެ ވެރިޔާގެ އޮތި އެންމެ މޯޓިވެކެވެ. އެއީ އެ ގެސްޓް ހައުސްގެ ނަމަށް ހުތުރު ވެދާނެތީ އޭނާގެ އޮތް ކަންބޮޑުވުމާއި ހާސްކަން ފިލުވައިލުމެވެ. މިކަމުގައި ގެސްޓް ހައުސްގެ ވެރި މީހާގެ މައްސަލައެއް އޮތް ކަމަކަށް ނުބެލެވެއެވެ.

ދެން އޮތީ ކުއްޖާ އާއި ކުއްޖާގެ ބައްޕަ އާއި ގުޅުވައި މުއީނު ކުރާ ތުހުމަތުތަކެވެ. މުއީނު ބުނާގޮތުން ކުއްޖާއަށް ރުގްޔާ ކިޔެވި އިރު ބައްޕައަށް އެތެރެއަށް ނުވަދެވުމާއި، މަރުކަޒުގައި އޮތް އިރު ބައްޕަ ނޫން ކަމަށް ކުއްޖާ ބުނުމާއި، ބޮޑަށް ހުރި އަންހެން ކުއްޖާއަށް ގޭގައި ނޫޅެވިގެން މާމަ ކައިރިޔަށް ދިޔަ ވާހަކަ އާއި ޖެންޑާގައި ކުއްޖާ ބުނީ ކާކުގެ ނަމެއްތޯ ސުވާލު ކުރަން ޖެހެއެވެ. މި ސުވާލުތައް ”ބޮންތި“ އިން ވަނީ ކުއްޖާގެ އާއިލާ އާއި ކުރިމަތި ކުރުވާފައެވެ. އަދި އާއިލާއިން ދެއްކި ވާހަކަތަކަށް ބަލާއިރު، މުއީންގެ ތުހުމަތުތަކަށް ބާރުދޭވަރުގެ ކަމެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ. އެރަށު ބައެއް މީހުންގެ ފަރާތުން އެނގުނު ގޮތުގައިވެސް އެފަދަ ކަމެއް މިހާތަނަށް ފާހަގައެއް ނުކުރެވެއެވެ. އަދި ޖެންޑާގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމަށްފަހުގައި އަލުން ގެޔަށް ބަދަލު ކުރުމަކީވެސް ގޭތެރޭގެ މާހައުލު ކުއްޖާއަށް ރައްކާތެރިކަމުގެ ހެެއްކެކެވެ. 

މަޑުއްވަރީ ރޭޕް ކޭސް އާއި ގުޅިގެން އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދެވިފައިނުވާއިރު، ކުއްޖާގެ އާއިލާއިން ވަކީލު މެދުވެރިކޮށް ބެލި ބެލުމުން މި މައްސަލަ ކުރިއަށް ގެންގޮސް ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ ހެކި ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެކަމުގައި މުއީނުގެ މައްޗަށް ކުރެވޭ ތުހުމަތު ބޮޑަސް އޭނާ މި ހުރިހާ ކަމަކަށް ފާޅުގައި އިންކާރު ކުރެއެވެ. އަދި އެއީ އޭނާ ފްރޭމް ކުރުން ކަމުގައި ސިފަ ކުރެއެވެ. އެކަމަކު މިކަމުގައި އުފެދޭ ބޮޑެތި ސުވާލު ތަކެއް އެބަހުއްޓެވެ. އަދި މައްސަލަ ކުރިޔަށް ގެންދެވޭ ވަރުގެ ހެކިތައްވެސް އެބަހުއްޓެވެ. އާންމު އުސޫލުން ޖިންސީ ގޯނާގެ މައްސަލަތަކުގައި އެވަރުގެ ކުޑަ ކުއްޖަކު ބުނާ ވާހަކަ އަކީ އެހެނިހެން ހެއްކާ ގަރީނާ ހޯދުމަށް ބާރުދޭ އެންމެ ބޮޑު ހެއްކެވެ.

އެހެން ނަމަވެސް ފުލުހުންނަށް ކުރިމަތިކުރުވި ނުފޫޒާއި ގުޅިގެން މީގެން އެއްވެސް ހެއްކެއް އެއީ ނެތް އެއްޗެއްކަމުގައި ބަލައި ރައީސް ސޯލިހުގެ ރިޔާސީ ވައުދުގައި ވިދާޅުވި ފަދައިން ”ޖިންސީ ގޯނާއަށް ޒީރޯ ޓޮލެރެންސް“ ގެ އުސޫލުން މި މައްސަލަވެސް މިވަނީ ފައިލްކޮށް ނިންމާލާފައެވެ.

މުއީންގެ މައްޗަށް ކުރެވުނީ ތުހުމަތެކެވެ. އެކަން ޔަގީން ކުރާނީ ޝަރީއަތުންނެވެ. މުއީން އާއި ދެކޮޅަށް ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމިއިރު، ކުއްޖާ ރޭޕު ކޮށްފައި ނުވަތަ އެ ބުނާ ޖިންސީ ގޯނާއެއް ކޮށްފައި ހުރި ކަމަށް މެޑިކަލް ރިޕޯޓުން ސާފުކޮށް އެނގެއެވެ. އެހެންވީއިރު އެކަން ކުރި ފަރާތް ދައުލަތަށް ނުހޯދިގެން އުޅެނީ ނުވަތަ އިންސާފުގެ ކުރިމައްޗަށް ނުގެނެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ 

2 Comments

Leave a Reply to Siyaam Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button