ފިރިހެން ކުއްޖަަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ ޓީޗަރަކު ހައްޔަރު ކޮށްފި

15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ ފިރިހެން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާގޮތުގައި މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ އެ ޓީޗަރު ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގައެވެ. ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ މީހެއް، އިންޑިއާ ހައިކޮމިޝަނުން މީގެ ކުރިން ފުރުވާލާފައިވެއެވެ.
މިކަން ހާމަވެފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހު އޮމަނަކުއްޓަން މިދަޔިކިލް ކަރުނަކަރަކުރުޕް ނަމަކަށް ކިޔާ މިމީހާ ހޯދުމަށް ދިވެހި ފުލުހުންގެ ޙިދުމަތުން އެދިގެން އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސްއަކުންނެވެ.
މި ނޯޓިސްގައިވާ ގޮތުން އޭނާ އަކީ ސާނަވީ ދަރިވަރުންނަށް ހިސާބު ކިޔަވައިދިނުމަށް ރާއްޖޭގެ ސުކޫލެއްގެ ވަޒީފާގައިހުރި މުދައްރިސެކެވެ. އަދި އޭނާ ގެންދިޔައީ ސުކޫލުން ބޭރުން ބައެއް ކުދިންނަށް ޓިއުޝަން ނަގައިދެމުންނެވެ. މި ނޯޓިސްގައި ދިވެހި ފުލުހުންގެ އިދާރާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އޮމަނަކުއްޓަން ވަނީ 2020 ވަނަ އަހަރުން ފަށައިގެން އޭނާ ޓިއުޝަން ނަގައިދޭ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކޮށްފައެވެ.
މީނާ ފިލައިގެން ގޮސްފައިވަނީ މައްސަލަ ތަހުގީގުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވާކަމަށް މި ނޯޓިސްގައި ބަޔާންކުރެއެވެ. އެހެން ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރޭހާ ގިނަ ހެކިތައް ހުރި މީހެއް ފުލުހުންނަށް އަތުލައި ނުގަނެވުމަކީ ސުވާލު އުފެދޭ ކަމަކެވެ.
މިކަމާ ގުޅޭގޮތުނަ އިތުބާރުހުރި މަސްދަރަކުން “ބޮންތި” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮމަނަކުއްޓަން ފުރުވާލުމަށް މާލެ ގެނެސްފައިވަނީ އިންޑިއާ ހައިކޮމިޝަނުންނެވެ. އަދި ފުލުހުންގެ އިދާރާއަށް އެންގުމެއްނެތި އޭނާ އަނބުރާ ގައުމަށް ފުރުލާފައިވަނީވެސް ހައިކޮމިޝަނުންނެވެ.
ފުލުހުންގެ އިދާރާއަށް އޮމްނަކުއްޓަން ފުރިކަންވެސް އެނގިފައިވަނީ ފުރި ފަހުންނެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވަނީވެސް ފުލުހުންގެ ތަހުގީގު ނުނިމެނީސް ފިލާފައިވާކަމަށަބުނެ އޭނާ ހޯދުމަށެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންނަަ ބެހޭ ގާނޫނުގެ 12/2009 ގެ ދަށުން މި މައްސަލަ ސާބިތުވެއްޖެކަމަށް ވާނަމަ އޮމަނަކުއްޓަންގެ މައްޗަށް ޖުމްލަ 18 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ފަރާތުންވެސް، އަދި އިންޑިއާ ހައިކޮމިޝަނުގެ ފަރާތުންވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
Fuluhunnah livaath kurun massala akah nuvey.