ރިޕޯޓް

މުޅި މާލޭގައި ޒޮންބީޒް

މާލޭގެ އެއް މަގުން އަނެއް މަގަށް ދާއިރު ވެސް ގޭގޭ ކަންމަތީގައި ބިއް ޖެހިފައިވާ އެތައް ޒުވާނުންނެއް ތިބެއެވެ. މަސައްކަތް ނުކުރެވޭ ވަރުގެ މީހުންނެއް ނޫނެނެވެ. ނަމަވެސް މަސްތުވާތަކެތީގެ އަވައިގައި ޖެހި ދުނިޔޭގެ ހިޔާލެއް ފިކުރެއް ނެތް މީހުންނެވެ. ދުވަހަކަށް ވުރެ ދުވަހެއް މިކަންތައް ދަނީ ބޮޑު ވަމުންނެވެ. ޒުވާނުންގެ އާބާދީގެ ބޮޑުބައެއް ގެއްލި ނިކަމެތިވެގެން ދަނީ މަސްތުވާތަކެއްޗަށެވެ. ނަމަވެސް މިކަމަށް ހައްލެއް ލިބިގެން ދާތަނެއް ނުފެނެއެވެ. މުޅި މާލެ ތެރޭގެ ހާލަކީ ވެސް ހަމަ މިއީއެވެ.

ގައުމެއްގެ މުސްތަގުބަލު ބިނާވެގެން ވަނީ ހެޔޮލަފާ އަދި ޒިންމާދާރު ޒުވާނުންގެ މައްޗަށެވެ. އަދި ގައުމެއްގެ އިޖުތިމާއީ ފޭރާން ހަލާކުވެދިޔުމުން ސަލާމަތް ކޮށްދޭން ތިބޭ ބަޔަކީ ވެސް ހަމަ މިފަދަ ޒުވާނުންނެވެ. ނަމަވެސް މަސްތުވާތަކެއްޗަކީ މި ހުރިހާ ކަމަކަށް އެޅޭ ހުރަހަކަށް ވެއެވެ. އެހެން ނަމަވެސް މިހާރު ބައެއް ޒުވާނުންގެ ހާލަތު ވަގުތީ ގޮތުން ހިދުމަތް ކެނޑިފައި ތިބޭ ބައެކޭ އެއްފަދައެވެ. އަމިއްލަ ނަފްސައް ބާރު ފޯރުވޭ ވަރެއް ވުރެވެސް މިއަދު ޒުވާނުންގެ ހާލު ދެރައެވެ. ނަމަވެސް މިކަމާ ދޭތެރޭގައި އެޅޭ ހަރުދަނާ ފިޔަވަޅެއްވެސް މިއަދަކު ނުފެނެއެވެ. އޭގެ ބަދަލުގައި އެގޮތަށް އުޅުމަށް ހިތްވަރު ލިބޭ ގޮތަށް ގިނަ ފަހަރަށް މިކަހަލަ ކަންކަމަށް އަޅާ ނުލެވޭ މަންޒަރު ފެނިގެން ދެއެވެ. އޭގެން އަންގައިދެނީ، އަޅުގަނޑުމެންގެ ދީނާއި ގައުމުވެސް އެކަމަކަށް ނަހީ ކުރާ ކަމެއް މުޖުތަމައުގައި އާންމު ވެފައިވާ މިންވަރެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ފަރާތުން މުޖުތަމައުގެ އެހެން މީހުންނަށް ކުރާ އަސަރު ވެސް ހަމަ އެހާމެ ބޮޑެވެ. މުޖުތަމައުގެ އަމާންކަން ގެއްލި ހަމަޖެހުން ނެތިގެންދެއެވެ. އެމީހުންގެ ސަބަބުން އެހެން މީހުންގެ މަސްލަހަތަށް ފުށޫއަރައެވެ. އެމީހުންގެ ފަރާތުން އެހެން މީހުންނަށް ދައްކުވައިދެނީ ނުރަނގަޅު މިސާލުތަކެވެ. މީހެއްގެ ގައިގައި ހުރެގެން ނުވާނެ އާދަތަކެވެ. މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އަހުލާގީ މިންގަނޑުތަކުން ވެވެނީ އެއްކިބާއެވެ. މީގެ ސަބަބުން މުޖުތަމައުގައި ހަމަ ނުޖެހުންތައް އާންމުވެ، ބައެއްގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރިކަމާއި ބަދަހި ކަމަށް ހުރަސްތަކެއް ކުރިމަތިވެގެންދެއެވެ. މާރާމާރީތައް އިންތިހާއަށް ގިނަވެ، ގިނަ ފަހަރަށް އެއްވެސް ކުށެއް ނެތް މީހުންނަށް ވެސް އެހެން ބައެއްގެ އަމަލުތައް ހުންނަ ގޮތުގެ ނަތީޖާ ތަހައްމަލު ކުރަން ޖެހެއެވެ. ހުރިހާ ވެސް މައްސަލައަކީ މަސްތުވާ ތަކެއްޗާއި އެ ބޭނުން ކުރާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ލަސްވާލަސްވުމެވެ. ނަމަވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ވައުދެވެ ވެރިކަމާއި ހަވާލުވެ ތިބި ފަރާތްތައް މިކަމާއި މެދު ކުރާނެ މާބޮޑު ކަމެއްވެސް އަދި ބުނާނެ މާ ބޮޑު އެއްޗެއް ވެސް ނޯވޭ ހީވާ ކަހަލައެވެ. އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައި، ކަންބޮޑުވުންތަކާއި އެކު ތިބެން ޖެހޭ ބަޔަކަށް ވަނީ ނިކަމެތި ރައްޔިތުންނެވެ. މިކަހަލަ މައްސަލަތަކަށް ޖަވާބުދާރީ ވާން ޖެހޭ އިދާރާތައް ވެސް ވަނީ ވަގުތީ ގޮތުން ދިގު މުއްދަތަކަށް ހިދުމަތް ކެނޑިފަތޯ ގިނަ ބަޔަކު މިއަދު ސުވާލު ކުރެއެވެ.

މަސްތުވާތަކެތީގެ ސަބަބުން އާވާރާވެގެން އުޅޭ މީހުންނަކީ އެހިސާބުން އެއްވެސް ވަރަކަށް އޭގެން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ބައެއް ނޫނެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ހާލަށް ދޫކޮށްލައިގެން، އެމީހުން އުޅޭނެ ގޮތަކަށް އެޅެން ދީގެން އެކަމެއް ނުވާނެއެވެ. މިއަދު އަތް ހޫރައިލައިގެން ތިބެއްޖެނަމަ، މިއަދު ފެންނަ މަންޒަރުތައް މާދަން ފެންނަ މިންވަރު އިތުރުވާނެއެވެ. ނިކުންނަ ކޮންމެ މަގަކުން “ ޒޮންބީތަކެއް “ ފަދައިން އެމީހުންގެ އަމަލުތައް ހުންނަ، ދުނިޔޭގެ ހިޔާލާއި ފިކުރު ހުސްވެފައިވާ މީހުން ފެންނަ މިންވަރަކަށް ބަދަލަށް ނާންނެއެވެ. ހަމަ އެކަނި ތަފާތަކީ ފެންނަ މިންވަރު ބޮޑުތަނުން އިތުރުވުމެވެ. އަދި ނުވެސް ދަންނަ މީހުން ފަހަތުން ރުފިޔާ އަށް ކިޔަމުން އަންނަ އައުމަކަށް ވެސް ބަދަލެއް ނާންނާނެއެވެ. އަދި މިފަދަ މީހުންގެ ސަބަބުން މިޖުތަމައުގައި އިތުރުވާ މައްސަލަތައްކަށް ވެސް ބަދަލެއް ނާންނާނެއެވެ. ގައުމު ވެގެންދާނީ ކުށުގެ ވެއްޓަކަށެވެ. ހާލަތު މިއަށް ވުރެ ގޯސް ނުވަނީސް ކުރެވެން ހުރި ކަމެއް ކުރަން، އެންމެ ކުޑަ މިނުން މަސައްކަތް ކުރާ ނަމަވެސް ކުށުގެ ވެއްޓާ ދުރުބަޔަކަށް ޒުވާނުން ހެދޭނެއެވެ. ނަމަވެސް އެކަން ވާނީ އެކަން ކުރަން އުޅެގެންނެވެ. ކުށުގެ ވެށިން ގައުމު ސަލާމަތް ކުރުމަށް ކޮންމެ ފަރުދަކީ ވެސް ޒިންމާދާރުވާން ޖެހޭ ފަރާތެކެވެ. އަދި އެއަށް ވުރެ ޒިންމާދާރު ވާން ޖެހޭ ބަޔަކީ ރައްޔިތުންގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ވެރިންނެވެ.

މާލޭގެ ބަލާލި ކޮންމެ ދިމާލަކުން މިފަދަ ޒުވާނުން ފެނިގެން ދާއިރު، ގައުމު ވެއްޓިފައިވާ އަނދަވަޅުގަނޑުގެ ފުންމިން އަންދާޒާ ކޮށްލެވޭނެއެވެ. މިގޮތަށް ޖީލެއް ހަލާކުވެގެން ދާއިރު، އެކަމާއި މެދު ހަރުދަނާ އަދި ޒިންމާދާރު ފިޔަވަޅެއް އަޅާ ބަޔަކު ނެތުމަކީ ހިތާމަވެރި ކަމެކެވެ. ހަރުދަނާ ޖީލެއް ނެތް ގައުމެއްގެ ބޭނުމެއް ވެސް ވަކި ނޯންނާނެތީއެވެ. ޒުވާން ޖީލެއް ބިނާ ކުރެވެން އޮތްއިރު، އެ ޒުވާން ޖީލު ހަލާކުވިޔަ ދިނުމަކީ ގައުމުވެސް ކަރުނަ އަޅާ ރޯނެ ކަމެކެވެ. ސަބަބަކީ ގައުމަށްޓަކައި އެގައުމެއްގެ ރައްޔިތުން ނުވި އިހުލާސްތެރި ކަމެއް ވާނެ އިތުރު ބަޔަކު ވެސް ނުވާނެތީއެވެ. އަދި އެނގިހުރެ، ގައުމެއް ހަލާކުގެ ތެރެއަށް ވައްޓާލުމަކީ ހަމަ ގައުމަށް ގައްދާރުވުން ފަދަ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button