ކޮލަމް

އަމިއްލަ އިނގިލި ލޮލަށް ހެރުނުކަންވެސް ހަމަ ނޭނގެނީ ހެއްޔެވެ؟

ޒަމާނުއްސުރެ ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެއް އާއިލާއެއް، އެއް ސިފަތަކެއް، އެއްކަލަ ބަސްމޮށުންތެރިކަމެއް އޮތް ދެ ގައުމެވެ. ތާރީހީ ފަތްފުއްތަކުން ފުރޮޅިގެން އަންނަ ބަހާތަކުން ފެންނާން އޮތްގޮތުގައި ކާބަފައިން ލަންކާއިން ވިޔަފާރިކޮށް މިގައުމުގެ އުފެއްދުންތައް އެގައުމަށް އެތެރެކޮށް އަދި ލަންކާގެ ޖާދުވީ އުފެދުންތައް މިގައުމަށް ގެނެސް ވިޔަފާރީގެ ދެފުށް ފެންނަ ގާތްގުޅުމެއް އޮތް ދެގައުމެވެ. އިގްތިސާދީ، އުމްރާނީ، ގައުމީ އަހުވަންތަ ލޯތްބެއް އޮތް ދެގައުމެވެ. ސަގާފީ އާދަކާދަތަކާ ތާރީހެއް މާ ކައިރިން ފެންނާން އޮތް ދެގައުމެވެ.

މިގާތް ގުޅުން ކިލަނބުވެ، ވެއްޔައްވެ، ވިއްސިވިހާލެވިގެން ދާތަން ފެންނާން ފަށައިފިއެވެ. ދިވެހިންނަށް އަބަދުވެސް އުފަލާ އިހުތިރާމާއެކީ ލަންކާއިން ކިޔަމުން އައި މަރްހަބާގެ ނިމުން އަންނަތަނެވެ. ދެގައުމުގެ ހާރިޖީ ސިޔާސީ ގުޅުން ޖަހާލި ވިދުވަރެއް ފަދައިން ދުރުވެ ލޮލުކޮޅަށް އޮއްބާލާ ތަނެވެ.

ލަންކާގެ ހާލަތު ބަދަލުވެއްޖެއެވެ. އެއީ ކުރީގައި ދިވެހިން ދަންނަ ސިލޯނެއް ނޫނެވެ. ކޮޅުނބެއްވެސް ނޫނެވެ. ގައުމުގެ ދުވެލި ރިޔަލު އޮޑީގެ ދުވެއްޔަށް ވެއްޓި، އެ ރިޔާފެޅި، ލަންކާ މިއަދު އޮތީ ދިޔަވެ އަޑިއަށް ދާން ހިފާފައެވެ. މީ މިއަދުގެ ލަންކާގެ ހާލަތެވެ.

ފިއްލެވުމަށްފަހު އިސްތިއުފާ ދެއްވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ހާލަތަކީ ދުވަހަކުވެސް ކާން ނުލިބޭ މިނިކާވަގެއްގެ ހާލަތެވެ. މިހެން ނުބުނާންވީ ހެއްޔެވެ؟ ގައުމުގެ ރައުސުލްމާލު އެކީހެން ކައި ހުސް ކޮށްލީއެވެ. އެގައުމުގެ ރައްޔިތުންނާ ދޭތެރޭ ވިސްނައިފި މީހަކު ލޮލުން ކަރުނަ އަންނާނެކަން ޔަގީނެވެ.

ލަންކާގައި ކައްކާނެ ގޭހެއް ނެތެވެ. ބޯނެ ފެން ފޮދެއްވެސް ނެތެވެ. ކަރަންޓެއްވެސް ނެތެވެ. ހޮސްޕިޓާ ތަކުން ބޭސް ވަނީ ހުސްވެފައެވެ. އޮޕަރޭޝަން ކުރަނީ ފުޅި ބައްތީގައެވެ. ޒަރޫރީ ބޭނުން ތަކަށް އާންމުން ވަނީ ޖެހިފައެވެ.

ލަންކާގެ ރައްޔިތުން ދުވަހަކުވެސް އުންމީދު ނުކުރާ ވަރުގެ ނިކަމެތި ހާލަތަކަށް ވައްޓާލި ވެރިޔަކު ބޭނުން ނުވާ ކަމަށް ބުނެ މުޅިގައުމުގެ ދުލުން ގޮވަނީ އެ ނާތަހުޒީބު ކޮރަޕްޓް ވެރިޔާ ވަގުތުން ވަގުތަށް ގައުމަށް އެނބުރި އައިސް ޒިންމާ ނެންގެވުމަށެވެ. މުޅިގައުމުގައި މުޒާހަރާ ކުރާތާ ތިންމަހާ ބައިވަނީއެވެ.

ގޮތަބަޔާ ފިލުން

ރައީސް ގޮތަބަޔާ ލަންކާއިން ފިލުވުމުގައި އެންމެ އިސްއެއް ރޯލެއް އަދާކުރީ ލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމަށް ކަނޑައަޅައިފައިވާ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުއެވެ. ރައީސް ނަޝީދުގެ މި އަމަލުގެ ސަބަބުން މުޅި ލަންކާ އެމަނިކުފާނު ސިފަކުރަނީ ޑިކްޓޭޓަރެއްގެ ގޮތުގައެވެ. ގައުމަށް ހެޔޮ ގޮތް ހޯދައިދޭނެ ކަމަށް ވިދާޅުވެ ގޮތަބަޔާ އާއި ބައިތުހިފި ހިޔާނާތްތެރިއެއްގެ ގޮތުގައެވެ. މި މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންވެސް ވަނީ މުޒާހަރާ ކޮއްފައެވެ.

ރައީސް ނަޝީދު ގެ މިއަމަލުގެ ސަބަބުން ލަންކާ އާއި ރާއްޖެއާއި އޮތް ގުޅުމުގެ އޮއިވަރު ބަދަލުވާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. މިކަމުގެ ސަބަބުން ލަންކާގައި ދިރިއުޅޭ ކިތައް އާއިލާ ނުރައްކަލަކަށް ހުށަހެޅޭނެ ހެއްޔެވެ؟ ކިތައް ކިޔަވާ ކުދިން ނުރައްކަލަކަށް ހުށައެޅިދާނެ ހެއްޔެވެ؟ ޑޮކްޓަރަށް ދައްކަންދާ ކިތައް ބަލިމީހުނަށް ނުފުރި ތިބެން ޖެހިދާނެބާ ހެއްޔެވެ؟ މިކަމާ ދޭތެރޭ ރައީސް ނަޝީދު ނުވިސްނީ ކީއްވެ ހެއްޔެވެ؟

ގޮތަބަޔާ ފިލުވި މައްސަލަ ރައީސް ނަޝީދު އާއި ހަމައިން އެކަނި ނިންމާލެވޭކަށްވެސް ނެތެވެ. މަޖިލިސް ރައީސެއްގެ ނުފޫޒު ދައުލަތުގެ ކަންކަމުގެ ތެރެއަށް ވަދެ އަމުރު މައުރޫފު ހިންގޭނީ ދައުލަތުގެ އިސްވެރިންވެސް އެކަމަށް ވަރިހަމަ ވެގެންނެވެ. ކަން ވީވެސް އެހެންނެވެ. ގޮތަބަޔާ ފިލުވުމުގައި ސަރުކާރުގެ ދައުރު އޮތްކަން ހާރިޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނުން ހާމަވެއެވެ. ނަޝީދުގެ ޓުވީޓުން ހާމަވެއެއެވެ. އެހެން ކަމުން މިއީ ލަންކާއަށް ހެޔޮއެދުނު ކަމުގެ ނަމުގައި ގުޅިގެން ހިންގި ޖަރީމާއެކެވެ.

މިއީ އިންޑިއާ އައުޓު ހަރަކާތަށްވުރެ ވުރެ ނުރައްކާތެރިކަން ބޮޑު އަމަލެކެވެ. ސަބަބަކީ ގައުމަކަށް އަރައި އޮޅުވާލައިގެން އެގައުމުގެ ރައީސް ފޮރުވައިގެން ބޮޑު ފޮއްޓަށް ލައިގެން ގެނައިމައެވެ. މިއީ ސީދާ ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ތޮރުފާފައި ވަދެގަތުމެވެ. އެހެން ކަމުން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލުމަށްވުރެ ދައުލަތުގެ އިސްވެރިން ހިންގި އަމަލު މާބޮޑަށްވެސް މުޑުދާރުވެފައި ހުތުރެވެ. ދިވެހިން ތިބީ ލަދުން ލަންކާ ރައްޔިތަކާ އަނގައިން ބުނާން ނުކެރިފައެވެ.

ނުވިސްނި ކުރެވޭ މޮޔަކަމަކުން ހެރުނީ ލޮލަށް އިލޮށި އެކަންޏެއް ނޫނެވެ. އަމިއްލަ އިނގިލި ލޮލަށް ކޮއްޕާލެވުނުއިރުވެސް ތަނެއް ދޮރެއް ދޮރާއްޓެއް ވަކި ކުރާކަށް ނޭނގުނެވެ. ސަބަބެއް ކަމުގައި ބެލެވެނީ ބޮޑު ބޭބެ މޯދީގެ އޯޑަރެވެ.

4 Comments

  1. މިރާއްޖޭގައި މޮޓަރުބޯޓުގެ ގަޑުބަޑޭ ލިޔުނު ގަޑުބަޑެއް ޚިނގިކަން ދެނެވަޑައިގަންނަވަމުތޯ.
    ބައިވެރިންނަށް ހަދާނެގޮތެއް ހަދަން ދިވެހިންނަށް
    ދޫނުކުރައްވާހި މާޔަތްކޮއްދެއްވީ ލަންކާސަރުކާރުނ ި

  2. ދިވެހި ރާއްޖެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިމއަދުމިދަނީ އަނެއް ދިވެހިރާއްޖެއަށް އެމްޑީޕީގެ ލާދީނީ، ލާއިންސާނީ އެޖެންޑާގެ ދަށުން ބަދަލުވަމުންްްްްނެވެ .ތިލަފަތްވަނީ ހިތިފަތެއް ފަދައިން އަހަރަކަށް ބަދަލުވެފައެވެ. ގާނޫނުދަނީ ކަނޑުގެ ގާނޫނަށް ބޮޑުއެތި ކުޑައެތި ކައިހުސްކުރަމުންނެވެ. ފުރަގަސްފަރާތް ބޭނުންކުރާނީ ކުރިމަތިފަރާތަށެވެ. ނުވަވަނަ ހަސްރަސްގެފާނުގެ ޒިކުރާދަނީ އާކުރަމުންނެވެ. ދީނެއް، މަޒުހަބެއް މިއްލަތެއްނެތެވެ.

  3. ދިވެހި ރާއްޖެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިމއަދުމިދަނީ އަނެއް ދިވެހިރާއްޖެއަށް އެމްޑީޕީގެ ލާދީނީ، ލާއިންސާނީ އެޖެންޑާގެ ދަށުން ބަދަލުވަމުންްްްްނެވެ .ތިލަފަތްވަނީ ހިތިފަތެއް ފަދައިން އަހަރަކަށް ބަދަލުވެފައެވެ. ގާނޫނުދަނީ ކަނޑުގެ ގާނޫނަށް ބޮޑުއެތި ކުޑައެތި ކައިހުސްކުރަމުންނެވެ. ފުރަގަސްފަރާތް ބޭނުންކުރާނީ ކުރިމަތިފަރާތަށެވެ. ނުވަވަނަ ހަސްރަސްގެފާނުގެ ޒިކުރާދަނީ އާކުރަމުންނެވެ. ދީނެއް، މަޒުހަބެއް މިއްލަތެއްނެތެވެ.

Leave a Reply to ނިޔާޒު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button