ޚަބަރު

ވެހިކަލް ރަޖިސްޓްރީ ކުރާ ގަރާޖުގެ ސައްހަކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ނިންމައިފި

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް އެނގުމަކާ ނުލާ އެ ގަރާޖުގައި އުޅަނދު ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބޭކަމުގައެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން ލިޔެކިޔުންތަށް ހުށަހަޅާއިރު، ގަރާޖެއްގައި އުޅަނދެއް ބޭއްވުމަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީގެ އިތުރުން އުޅަނދު ބާއްވާ ގަރާޖަކީ، ރަޖިސްޓްރީ ކޮށްފައިވާ ގަރާޖެއްކަން އިނގޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭކަން މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތްތޯ ބެލުމާއި، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީއަކީ، ސައްހަ ސިޓިއެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރި ތަނެއްތޯ ޔަގީން ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފާހަގަކޮާށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button