ޚަބަރު

ލަންކާ ދިދަ ފުލުހުން އަތުލައިފި

ލަންކާގެ ރައީސް ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތްދިނުމާއި ދެކޮޅަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި ބޭނުންކުރަމުން ދިޔަ ލަންކާގެ ދިދަތައް ފުލުހުން އަތުލައިފިއެވެ.

މިއަދު ހަވީރު 15:30 ހާއިރު ލަންކާގެ ރައްޔިތުން ކާނިވާ ސަރަހައްދަށް އެއްވުމާއެކު، ފުލުހުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. ސުލްހަވެރިކަމާއެކު ކުރިއަށްދާ މި މުޒާހަރާ ރޫޅާލުމަށް ފުލުހުން މާބޮޑުކަމެއް ކޮށްފަސި ނުވި ނަމަވެސް، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ލަންކާގެ ދިދަތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ލަންކާގެ ރައީސް ގޮޓަބަޔާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުަމަށާއި، އެނބުރި ގައުމަށް ވަޑައިގަތުމަށެވެ. ރާއްޖެއިން ރައީސް ގޮޓަބަޔާއަށް ހިމާޔަތް ދިނުމާއި ގުޅިގެން އެގައުމުގައިވެސް ދަނީ މިކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

ރައީސް ގޮޓަބަޔާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރައްވާފައެވެ. އެހެން ނަމަވެސް އިސްތިއުފާ ނުދެއްވައި ގައުމުން ފިއްލެވުމަށްފަހު އެމަނިކުފާނުގެ އެންމެ ފުރަތަމަ މަންޒިލަކަށްވީ ދިވެހިރާއްޖެއެވެ. ރައީސް ގޮޓަބަޔާއަށް ދިވެހިރާއްޖެއިން ހިމާޔަތް ދެއްވީ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button