ޚަބަރުސިޔާސީ

އަދާލަތު ޕާޓީ އޮންނާނީ އިސްލާމްދީނުގެ އުސޫލުތައް ނެގެހެއްޓުމަށް: އިމްރާން

އަދާލަތު ޕާޓީ އޮންނާނީ ދިވެހިރާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމްދީނުގެ އުސޫލުތައް ނެގެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި ކަމަށް އެ ޕާޓީގެ ލީޑަރު އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެދުނީ ދިވެހި ރާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްކަމަށާއި، އިރާދަ ކުރެއްވިއްޔާ އަދާލަތު ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވީނަމަވެސް އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރު އުފެދިގެން މިއަދާއި ހަމަޔަށް އައިއިރު އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ފާހިޝް އެތައް އަމަލުތަކެއް ވަނީ ހައްދުން ނައްޓާފައެވެ.

މިފަދަ ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ދޯހަޅި ސިޔާސަތާއި މެދު ބަހެއް ވިދާޅުނުވެ މިނިސްޓަރުކަމުގައި އިމްރާން ހަނު ހުންނަވާތީ ދީނީ ޢިލްމުވެރިންގެ އިތުރުން އެތައް ދިވެހި ރައްޔިތުންގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ވައުދަކަށްވީ އަދާލަތު ޕާޓީ އޮތްތަނެއްގައި އިސްލާމް ދީނާއި ހިލާފަށް ކަންތައް ކުރާއިރު ހިމޭނުން ނޯންނާނެ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އަދާލަތު ޕާޓީގެ އިސްލާމިކް މިނިސްޓަރަކާއި ހޯމް މިނިސްޓަރެއް ހުރެ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާއިރު އަދާލަތު ޕާޓީ އޮތީ ދަތް ނެތް މިޔަރެއްގެ ގޮތުގައެވެ.

އިމްރާންގެ ޓްވީޓާއި ގުޅިގެން އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިމްރާނަށް އަމާޒުވެފައެވެ. އެއްބަޔަކު ބުނެފައިވަނީ އިމްރާން ހޯމް މިނިސްޓަރަކަށް ހުރެ ހިންދޫންގެ ޔޯގާ ދިފާއު ކުރުމަށް ދިވެހިން ޖަލަށްލައިގެން އުޅޭ ސަބަބަކީ އިމްރާންގެ މުނާފިޤްކަން ފާޅުވާ ސަބަބެއް ކަމުގައެވެ. އަދި މަސްލަހަތޭ ކިޔަކިޔައި ތިއްބާ މަގުފުރެދިގެން ދިޔަ އިރުވެސް ނޭންގުނު ކަމަށާއި އިމްރާން ވަނީ އިސްލާމް ދީނަށް ޤައްދާރުވީ މީހުންގެ ތެރެއިން ކަމަށް އާންމުން ވަނީ ބުނެފައެވެ.

ޓްވިޓާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ ޝެއިޚް އިމްރާންގެ ޓްވީޓަކީ އިމްރާން ކިޔުއްވި ޖޯކެއް ގޮތުގައި ސިފަކޮށްފައެވެ.

އިމްރާން މިފަދައިން ޓްވީޓް ކުރެއްވި ނަމަވެސް ދިވެހި ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން އާންމުވެ ވެރިންގެ މައްޗަށް ޤާނޫނު ނުހިނގާ އިރު ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތްދީ ޝިރުކު ހުއްޓުވަން ނަސޭހަތްތެރިވި ދީނީ ޢިލްމުވެރިން ތިބީ ޓެރަރިޒަމްގެ ޓެގް އަޅުވައި ހުރަގޭގައި ބަންދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button