ޚަބަރު

މުއައްސަސާ އަޅުވެތިވެފައިވާ ކަމަށް ނިންމައި ވަޒީފާއަށް ނިކުތުން ހުއްޓާލި ސާޖެންޓް ޝިނާންއަށް އިދިކޮޅުގެ ތައުރީފް

ޖޫން މަހުގެ 21 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވި މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން އަމަލު ކުރަމުން ދަނީ ވެރިންނަށް އަޅުވެތިވެގެން ހަމައެއް ލަމައެއް ނެތިކަމަށް ނިންމައި، ފުލުހުންގެ ވަޒީފާއަށް ނުނިކުންނަން ނިންމެވި ސާޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އައްސަރިބަހާއި ސާބަސް ރައްދު ކޮށްފިއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅުވައި ޖޫން މަހުގެ 23 ވަނަ ދުވަހު ޝެއިޚް އާދަމް ނިޝާން ހައްޔަރު ކުރާ ވީޑިއޯ ފޭސްބުކްގައި ހިއްސާކޮށް ފުލުހުންގެ ޚިދުމަތުގައި 15 އަހަރު ވަންދެން މަސައްކަތް ކުރި ސާޖެންޓް މުޙައްމަދު ޝިނާން ބުނީ މިހާ ބޮޑަށް އަޅުވެތިވެފައިވާ މުއައްސަސާއަކަށް އެދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުންނަން އޭނާ ނިންމާފައިވާ ކަމުގައެވެ.

މިކަމަށް މަރުހަބާ ކިޔައި އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ވަޒީފާއަށް ނުކުމެވަޑައިނުގަންނަވަން ނިންމެވި ސާންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އައްސަރި ބަހާއި ސާބަސް ދަންނަވާކަމަށެވެ. އަދި ސާޖެންޓް ޝިނާންގެ އެ ނިންމެވުމަކީ މިސަރުކާރުގެ ނާއިންސާފާއި، އަޅުވެތިކަމާއި ދެކޮޅަށް ނިންމެވި ވަރަށް މުހިއްމު ނިންމެވުމެއް ކަމުގައި އެ ކޯލިޝަނުން ގަބޫލު ކުރާ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

މިއާއިއެކު އެ ބަޔާނުގައި ބުނީ ދިވެހި ޤައުމަށް ބޭނުންވަނީ ޝިނާން ފަދަ ހިތްވަރުގަދަ ޤާބިލު އަދި ޣައިރު ޤާނޫނީ އަމަލުތަށް ނޫނެކޭ ބުނަންކެރޭ ފަހުލަވާނުން ކަމަށެވެ.

ހަމަ އެއާއިއެކު ތަންފީޒީ އިދާރާތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ސާޖެންޓް ޝިނާންގެ އެމަތިވެރި ނިންމެވުމުން މިސާލު ނަންގަވައި މި ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށާއި ސަރުކާރުގެ އިސްވެރިން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އެބަޔާނުގައި ބުނީ މިވަގުތަކީ ޤައުމުގެ މިނިވަންކަން ދިފާޢުކޮށް އަޅުވެތި ކަމުން ސލާމަތް ކުރުމަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި އެކޯލިޝަނުން ދެކޭކަމުގައެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު “ބޮންތި” އާއި ހިއްސާކުރަމުން ޝިނާން ބުނީ އިންސާފާއި ހަމަހަމަ ކަމުގެ މަގުން ފުލުހުންގެ މުއައްސަސާ ބޮއްސުންލައި ވެރިން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ހިތުހުރިގައި ގޮތަކަށް އޯޑަރުތައް ދެމުން އަންނަ ކަމުގައެވެ. އެގޮތުން ޔޯގާ ހަމަނުޖެހުން ހިންގި ކަމަށް ބުނެ އިލްމުވެރިން ހިފާ ހައްޔަރު ކުރީ ސީދާ ފުލުހުންގެ އިސްވެރިންގެ ނުފޫޒުން ކަން އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ޝެއިޚް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދު ހައްޔަރު ކުރީ އިންސާފުން ބޭރުން ކަން ޝިނާން ހާމަކުރިއެވެ.

ޝިނާންގެ އިތުރުންވެސް ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ނުރަނގަޅު ނުފޫޒު ފޯރާފައިވާކަމަށް ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button