ޚަބަރުސިޔާސީ

ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު މަގާމުން ދުރުކުރަން ޖެހޭ: ރައީސް ޔާމީން

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން މިމަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަން އިއުލާން ކުރެއްވުމާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު ނ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފަތުރުފުޅުތަކުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސަކު ހާރިޖީ ސިޔާސަތުގެ ކަންކަން ކަނޑައަޅުއްވާއިރު ރައްޔިތުންގެ މަޖިލީހަށް ދާން ނުޖެހޭކަމަށް،  ނުބައި ލަފާ ދީފައިމިވަނީ ބަންޑާރަނައިބުކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ޑިމޮކްރަސީގެ ނަމޫނާ ތަނެއްކަމަށާއި އަދި މިވަރުގެ ކަމެއް ކޮށްފިއްޔާ އަމިއްލައަށް އިސްތިއުފާ ދޭނެކަމަށް ވިދާޅުވެ މިހާރު އިސްތިއުފާ ނުދޭކަމަށް ވަނީ ނަމަ ރައްޔިތުން މަޖިލިސް މެންބަރުންނަށް ބަންޑާރަ ނައިބު އަޒުލުކުރުމަށް ޔާމީން ވަނީ ގޮވާލައްވާފައެވެ. އެހިސާބުން ކަން ހިނގިގޮތް ކިޔައިދޭނެ ކަމަށާއި އަދި އޭަނަ އަށް ”އެއްޗެއް“ ލިބުނުތޯ ނުވަތަ ނޫންތޯ، ބައިއެޅިގެން ދިޔައީ ކޮން ބަޔަކަށް ތޯ ކިޔައިދޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މި ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި، ބަންޑާރަ ނައިބްގެ އިތުރުން ޑިފެންސް މިިނިސްޓަރު މާރިޔަ އަހުމަދު ދީދީވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ތަހުލީލުތައްކުރުމަށާއި ދެންވެސް ކުރާ ދިރާސާތައް ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެގްރިމެންޓެއްގެ ދަށުން އިންޑިއާއަށް ދޫކޮށްލާފައިވާ ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންފިނަމަ އެ އެގްރިމެންޓްތައް ބާތިލުކުރާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖެ މިއަދު އޮތް ހާލަތުގެ މައްޗަށް އަލިއަޅުވާލަމުން ރައީީސް ޔާމިން ވިދާޅުވީ ހަރުބޭފުޅުންނާއި ޒުވާނުން މިކަމާއި ދޭތެރޭގައި ވިސްނާލުމަށެވެ.

”ރާއްޖެ އެއް ނެތް. ރާއްޖޭގެ ސިޔާދަތެއް މިއަދު ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރަކުނެތް. ދިވެހި ދިދައިގެ ކަރާަމަތެއް ނެތް. ދިވެހި ރައްޔިތުން ދިރިއުޅޭކަށް، މިނިވަން ޖައްވަކަށް ނޭވާލާނެ ބައެއް އަޅުގަނޑުމެންގެ ދައުރު ކުރާނެ ބައެއް އަޅުގަނޑު މެންނަކަށް ނުފެނޭ.“ ޔާމީން ވިދާޅުވިއެވެ.

މީގެ ކުރީގައި ރަށްރަށައް ޒިޔާރަތްކުރިއިރު ވިސްނައިދެވޭތޯ ބަލަމުން ދިޔައީ ރާއްޖެ މިއޮތީ ވަރުގަދަ އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުގައި ކަމަށާއި، އަސްކަރީގޮތުންނާއި ދާހިލީ ކަންކަމުގައި ބެހެމުން އެދަނީ އިންޑިއާއިން ކަން ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ. އެތައް ފަހަރެއް މަތިން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ހަތިޔާރާއެކު އިންޑިއާ ސިފައިން ތިބި ކަންވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި އެމީހުން ދިވެހި ސަރުކާރާއި އެކު ހަދާފައިވާ އެގްރިމެންޓްތައް ދައްކަން ބޭނުން ނުވާކަމަށާއި، ނަމަވެސް އެ އެގްރިމެންޓް ފެނިފައި ތިބި މީހުނަށް ފެނިފައިވާކަމަށް ވިދާޅުވިއެވެ. އެއެގްރިމެންޓް ތަކުގައި ވާގޮތުން ވަކި ފެންވަރެއްގެ ހަތިޔާރެއް ގެންގުޅުމަށް ނުވަތަ ނުގެންގުޅުމަށް އެމީހުން ހުއްދަ ނަގަން ނުޖެހޭ ކަމަށާއި، އެމީހުންގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް އައުމަށް ހުއްދަ ނަގަން ނުޖެހޭކަމަށް އޭގައި ވެއެވެ.

ހަނިމާދޫގެ އެއާރޕޯޓްގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަނިމާދޫ އެއާރޕޯޓަކީ ސަރުކާރު ބާރު ހިނގާތަނެއް ނޫން ކަމަށެވެ. އަދި ދިވެހި މަދަނީ ވައިގެ ދަތުރުފަތުރައްވެސް ލިބޭނެ ތަނެއް ނޫންކަމަށާއި މިހާރު ހަނިމާދޫ އެއާރޕޯޓު ބޮޑު ކުރަނީ އިންޓަނޭޝަނަލް އެއާރޕޯޓެކޭ ބުނެ ތިންކިލޯ މީޓަރަށް ކަމަށެވެ. އެއީ އަސްކަރީ ޖެޓް ފަހަރު ޖައްސާ ތަނެއްކަމަށެވެ. އަދި ހަނިމާދޫ އެއާރޕޯޓަކިީ އިންޑިއާގެ ފުރިހަމަ ބާރުގެ ދަށުގައިވާ ތަނެއްކަމަށާއި މިހާރުވެސް މޯލްޑިިވިއަންގެ މަތިންދާބޯޓުތައް ޖެއްސުމުގެ ކުރިން އިސްކަން ލިބޭނީ  އިންޑިއާގެ ހެލިކޮޕްޓަރުތަކަށާއި ބޯޓުތަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ހަދާފައިވާ އެއާރޕޯޓުތައް ވަނީ ވިއްކާ ނިންމާލާފައި ކަމަށް ވިދާޅުވެ މިއީ އެމަނިކުފާނު ވަރަށް ސީރިއަސްކޮށް ދައްކަވާ ވާހަކަ އެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

”ސިޔާސީ މަންފާއެއް ހޯދުމަށްޓަކައިވެސް، އެހެން ބައެއް ސިޔާސީ ލީޑަރުން ހައްދަވާގޮތަށް ވޯޓު ހޯދުމުގެ މަގުސަދުގައި ރައްޔިތުންގެ ވިސްނުން ބަދަލުކުރާނެ ގޮތަކަށް ބަދަލުކޮށްފަ، ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންނަށް ތެދު ނޫން ބަހުން، ނޫނީ އޮޅޭ ގޮތަށް ނޫނިއްޔާ ދޮގު ހަދައިގެން ވާހަކަ ދައްކާނެ މީހެއް ނޫން އަޅުގަނޑަކީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުން ވޯޓު ދޭއިރު، ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެކަމަށާއި، އެމީހަކީ ގައުމު ދެކެ ލޯބިވާ މީހެއްތޯ، ގައުމުގެ ކަންކަން ކިހާވަރަކަށް ކުރިއަށް ގެންދާނެ މީހެއްތޯ އަދި ރައްޔިތުންގެ މެންބަރަކަށް ހުންނަވާއިރު، ކިހާ މަސައްކަތެއް ކުރިތޯ ވިސްނަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު މިހާރު އެބަ އޮތްތޯ ސުވާލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިހާރު މި އޮތް ސަރުކާރަށް މިއަންނަ އަހަރު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ފުރަތަމަ ކުރާނެކަމަކަށް އޮންނާނީ ބައެއް ރަށްރަށުން މީހުން ބޭލުން ކަމަށާއި، ހަނިމާދޫއިން މީހުން ބާލާނެ ކަމަށް އެއްވެސް ޝައްކެއް ނެތްކަމަށެވެ.
އެމްޑީޕީ އިން ރައްޔިތުންނަށް ކަންކަން ސިއްރުކުރާ ވަރު ހާމަވެގެން ދާކަމަށާއި ރައްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވިއްކާލާފައިވާކަމަށާއި، އެފައިސާ ނެގި ބަޔަކު ވަނީ ނަގާފައި ކަމަށާއި، އެގޮތައް ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ ހިލޭ ކުރާވަރުގެ ކަމަކަށް ނުވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްޑީޕީގެ ތިން އަހަރާ ބައިގެ ވެރިކަމެއްގަ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ވިއްކާލިކަމަށާއި މަސައްކަތްތަކެއް ކޮށްގެން އަނބުރާ އެއާރޕޯޓު ހޯދުނުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޓްރޭޑް މިނިސްޓަރަކަށް ހުންނެވިއިރު ކަނޑުގެ އިގްތިސާދީ ސަރަހައްދު ސާޅީސް ނުވަތަ ފަންސާސް މޭލު ބޭރުންދޫކުރަނީ ބޮޑުކަންނެއްޔައް ބޭރުގެ ފަރާތްތަކަށް ކަމަށާއި އެކަމާ ބެހޭގޮތުން އޭރު އެމްޑީޕީ އިސްވެރިން އޭރުގޮވީ ރައީސް ޔާމީން ރާއްޖޭގެ ކަނޑުގެ ސަރަހައްދުވެސް ވިއްކާލާފައވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް އަމާޒުކޮށް އޭރު ދެއްކި ހުރިހާ ވާހަކައެއް އެމީހުންގެ ވެރިކަމުގައި މިސަރުކާރުން ފެނިގެން ކަމަށާއި، އެ ބޭފުޅާ ތުހުމަތު ކުރިކަންތައްތައް އެއަށްވުރެ ފުރިހަމައަށް އެެމްޑީޕީ އިން ކޮށް ނިންމާައިފިކަމަށެވެ.

”ވަތަނީ ލީޑަރުންކަމަށް ވިދާޅުވި މީހުން މިއަދު ކޮބައިތޯ. އެމީހުނަށް ކަމެއް ވާހެން ހީވެސް ނުވޭ. ވިދާޅުވެ އިންތިހާބު ކައިރިވަމުން އަންނާތީ މިހާރު ހިނގާ ބައެއް ކަންކަމާ ފެއަށްޖެހުމަށްޓަކައި ސިޔާސީ ލީޑަރުން ބައެއް ވާަހަކަ އެބަދައްކަވާ. ރައްޔިތުން ގާތައް މި ބޭފުޅުން އައުމުން، ދައްކަވާފައި ހުރި ވާަހަކަތަކަށް ޖަވާބުދާރީކުރުވަން ޖެހެނޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ މަތިވެރި ހުވައެއް ކޮށްގެން ތިިއްބެވި ބަޔަކީ ރައީސްގެ އިތުރުން ދިވެހި ސިފައިން ކަމަށާއި، އަސްކަރިއްޔާގެ އިސްމީހުން ސިޔާސީ މީހުން ބުނާގޮތައް ކަންކަން ކުރަން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައިރު ސިފައިންގެ ޖެނެރަލުން ނިކުމެ އެވާހަކަ ދިވެހި ރައްޔިތުންނަށް ކިޔައިދޭން ޖެހޭކަމަށެވެ. އެމީހުން ޖަވާބުދާރީ ކުރުވަންވީ ދުވަސް މިއަންނަ އަހަރު ވޯޓާއެކީ އަންނާނެކަމަށް ރައީީސް ޔާމީން ވިދާޅުވިއެވެ.

”އެހެންވިމާ އަޅުގަނޑު މިދަންނަވަނީ އުތުރު ތިލަފަޅުގެ އެގްރިމެންޓާ ހަނިމާދޫގައި ސިފައިން ތިބީމަ ދައްކާވާހަަކަ އާއި އައްޑު އަތޮޅުގައި ސިފައިން ތިބީމަ ދައްކާ ވާަހަކަ އާއި ރާއްޖޭގެ އެކި ދިމާލުގަ ސިފައިން ތިބީމަ މިދައްކާ ވާހަކަ އަކީ އަޅުގަނޑު ހަމަ ދައްކަންވެގެން ދައްކާ ވާހަކަ. އެއީ އެކަމުގަ ހަގީގަތް އޮތީމައޭ ދައްކަނީ.“ ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހުގެ އަތްޕުޅުގައި ހުންނެވިކަމަށް ރައްޔިތުން ބުނަމުން ދާކަމަށާއި، މިވަރުގެ ތުހުމަތުތަކެއް ކުރާނަމަ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އެމަނިކުފާނު ނާންގަވަނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. އަދި އަމިއްލަފުޅު ވެރިކަމުގައި އެމަނިކުފާނަށް ތުހުތަމެެއް ކުރެވޭ ކަންކަން ތަހުގީގުތައް ކޮށްފައި ހުންނަވާނެކަމަށާއި، ހުއްޓުވާފައި ނުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

”އަލިފާން ނެތިއްޔާ ދުމެއް ނުފެންނާނެ. ރައްޔިތުންގެ ހިތަށް ތަސައްލީ ދިނުމަށްޓަކައި މިކަން ކުރަންވީ ނޫންތޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ފިއްލަދޫ މީހުންގެ އަތުން އަތުލާފައޮތް ދައްޕަރު ސަރުކާރަށް ނެގީ ކީއްވެތޯ އާއި އެއީ އިންޑިއާ މީހުން ބޭނުން ވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހާނިމާދޫއިން އެހާބޮޑު ބިމެއް ދިވެހި ސިފައިންގެ ތަމްރީނުތަކަށް ކުއްލިއަކަށް އެހާބޮޑުވެގެން ދިޔައީ ކީއްވެތޯއާއި އަދި ހާއްސަކޮށް ހަނިމާދޫ ބޮޑުވެގެން ދާންވީ ކީއްވެތޯ ސުވާލު ކުރައްވަމުން ވިދާޅުވީ އެހާ ބޮޑެތި ބިން ނަގަން މަސައްކަތްކުރީ އިންޑިއާ ސިފައިން ބޭނުންވެގެން ކަމަށާއި، ނަމަވެސް ހަނިމާދޫއިން އެތައް މަސައްކަތެއް ކޮށްގެން މިހާރު އޮތީ އެބިން ކުޑަކޮށްފައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހަނިމާދޫ ރައްޔިތުންނަށް ތަސައްލީއެއް ނެތް ކަމަށާއި މި އަންނަ މި ސަރުކާރު އިންތިހާބު ވެއްޖެނަމަ، ހަނިމާދޫއިން ފުތަރަމަ ޖެހޭނީ ރައްޔިތުން ފައިބަން ކަމަށާއި، މިއީ ވަރަށް ސީރިއަސް ވާހަކައެއްކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅޭ މައްސަލަތަކުގައި ރިއެކްޓް ކުރައްވަން ޖެހޭނެކަމަށާއި ނަމަވެސް ރައީސް ސޯލިހު މީގެން އެއްވެސް މައްސަލައެއްގައި ރިއެކްޓް ނުކުރައްވާކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ ޗާގޯސް މައްސަލައިގައި ސިޓީ ފޮނުވަން ޖެހުނީ ކިއްވެތޯ ސުވާލު ކުރައްވާފައެވެ. ހާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު ގާނޫނުން ތަންދޭ ހާރިޖީ ސިޔާސަތު ނިންމާ ކަންތައްތައް ނިންމާއިރު، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަންދޫބުގެ ބަހެއް ހޯދަން ނުޖެހޭނެކަމަށް ބަންޑާރަނައިބު ވިދާޅުވިކަން ރައިސް ޔާމީން ފާހަގަކުރެއްވިއެވެ.

ކަންކަން ކުރާ ކަމުގަ ވަނީނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ އެކަމެއް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ރަށުގެ ދިގުމަގުގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ދެ އަވަށް ގުޅުވައިދޭ މަގު ކަމަށެވެ.

”އެހެންވީމާ އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރުތެރޭގައި މިމަގު ރަނގަޅު ފެންވަރަށް ހަދާ މިމަގަކީ ކެނދިކުޅުދޫގެ ރައްޔިތުންނަށް ފަސޭހަމަގަކަށް މާލެ ފެންވަރުގެ މަގަކަށް ހަދާނަން“ ރައީސް ޔާމީން ވިދާޅުވިއެވެ.

ސިޔާސީ ބޭފުޅުންގެ ހުރިތަފާތުގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ރައީސް ސޯލިހަކީ ރައްޔިތުން ކަމަކު ބުނެފިނަމަ އެކަމަކަށް އާނއެކޭ ވިދާޅުވާ ބޭފުޅެއްކަމަށާއި، އެކަމަކީ ނުކުރެވޭނެ ކަމެއް ނަމަވެސް އެކަމަކަށް ވައުދުވެ ވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަންވެސް ފެނިގެން ގޮސްފިކަމަށާއި، އެއަށްވުރެ ބިރުވެރި ނާމާން ވެރިކަމެއް ނުފެންނަ ކަމަށާއި ސިޔާސީ މީހުނަށް ކޮންމެ ފަދަ ކަމަކަށް ތުހުމަތުކޮށް ހައްޔަރުކޮށް ދިގުދެއްމިތަން ފެނިގެން ގޮސްފި ކަމަށާއި،  ސަރުކާރުން ކިތައްމެ އަނިޔާއެއް ކުރިނަމަވެސް ފަހަތައް ނުޖެހި އެ މީހުންގެ ނުފޫޒައް ނުގުޑާނެ ބައެއް އެބަތިބި ކަމަށާއި، ގައުމީ ނިދާ އަޑު އިވުމުން އެއަށް އިޖާބަދޭން ނުކުންނަން ތިބީ އިދިކޮޅު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button