މާލެއިން ގެއްލުނު 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އައިމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ޒާރާ ގެއްލިފައިވާ ކަމުގެ ރިޕޯޓެއް އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ ފޭދޫ އަށް އުފަން އުމުރުން 17 އަހަރުގެ އާމިނަތު ޒާރާ ރިޔާޒްއެވެ.
އެ ކުއްޖާގެ ދައްތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށެވެ. އަދި އެވަގުތު ގެއިން ނިކުތްއިރު ލައިގެން ހުރީ ނޫ ކުލައިގެ ޖީންސަކާއި، ކަޅު ކުލައިގެ ޓޮޕްއަކާއި ބުރުގާއެއް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ގެއްލިގެން ހޯދަމުން ދަނިކޮށް ފުލުހުންނަށް ޒާރާ ފެނިފައިވަނީ އެމްޕީއެލް ސަރަޙައްދުންނެވެ. އަދި ކުއްޖާ ފެނުނުއިރު ހުރީ ކުއްޖާގެ ސިފަ ބަދަލުކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ކުއްޖާގެ ޙާލު ރަނގަޅުކަމަށާއި، މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.