ޚަބަރުސިޔާސީ

އެސްއީޒެޑްގެ ދަށުން ކ. ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރަން ސަރުކާރުން ނިންމައިފި

ތެޔޮ ރައްކާ ކުރުމަށް ހާއްސަކޮށްފައިވާ ކ. ފުނަދޫގައި މިހާރު ކުރަމުންދާ މަސައްކަތް އެހެން ތަނަކަށް ބަދަލު ކުރުމަށްފަހު، ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމް ކުރަން ސަރުކާރުން ނިންމައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ތިންވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް  ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފުނަދޫ ފައިނޭންޝަލް ސެންޓަރަށް ބަދަލުކުރުމަކީ  އެއާޕޯޓުގެ މަޝްރޫއަށް  މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ފުނަދޫ ފައިނޭންޝަން ސެންޓަރަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ކުންފުނި އުފެއްދުމުގެ މަޝްވަރާތައް އަންނަ އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތިލަފުއްޓާއި އެ ސަރަހައްދުގައި ހިއްކާ އެހެން ބިންތަކުން ގެދޮރާއި އެހެނިހެން ބޭނުންތަކަށް ދިނުމަށްފަހު މިހާރު ސަރުކާރުން ހެދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ފަރާތުން އެ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ އެސްއީޒީ ޒޯނެއް ވެސް ގާއިމް ކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button