ޚަބަރުކުޅިވަރު

ރެއާލުގެ އަސްލު ސައިޒު ޕީއެސްޖީއަށް ދައްކަލައިފި

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލު ކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބުކޮށްފިއެވެ.

މިބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ވަނީ  ރެއާލް މެޑްރިޑް 0-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ދެވަނަ ލެގު ރެއާލުގެ ދަނޑުގައި ކުޅުނު ނަމަވެސް މި މެޗުގައިވެސް ފުރަަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ އުންމީދީ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ.

0-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރީގައި އޮވެ ޕީއެސްޖީން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗު ލަސްކުރަންވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ބޭރުވާ ބޯޅަ ތަކުގައި އާއި ފަހަތުން ލިބޭ ބޯޅަތަކުގައި ޕީއެސްޖިން ވަނީ ވަގުތު ބޭކާރު ކޮށްފައެވެ.

މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި ބެންޒެމާ ގޯލެއް ޖަހައި ރެއާލަށް އުންމީދު އައު ކޮށްދިނުމުންނެވެ. މިއާއެކު 1-1 އިން މިމެޗުގެ ނަތީޖާ އެއްވަރުވެފައި އޮތްނަމަވެސް، އެގްރިގޭޓް ނަތީޖާއިން ޕީއެސްޖީ އަށް ކުރިލިބޭތީ އަނެއްކާވެސް ޕީއެސްޖީން މެޗު ލަސްކުރަން މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް ހިތްވަރަކަށް ބަދަލެއް ނުގެނެސް ކުޅުނު ރެއާލުން އެއްވަރުކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މޮޑްރިޗާއި ވިނީޝިއަސްގެ އެހީތެރިކަމާއެކު ބެންޒެމާ ކާމިޔަބުކޮށްދިން ގޯލެކެވެ.

އޭގެ ދެމިނެޓުފަހުން އަނެއްކާވެސް ބެންޒެމާ ވަނީ ތިންވަނަ ލަނޑެއް ކާމިޔާބުކޮށް، މެޗުގައި ހެޓްރިކް ހަދާ، ޕީއެސްޖީ ހަމަ ބިމަށް ތިރިކޮށްފައެވެ. މި ހެޓްރިކާއެކު ބެންޒެމާ ވަނީ މުބާރާތުގެ ތާރީހުގައިވެސް ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.

މި މެޗުން ބަލިވުމާއެކު ޕީއެސްޖީ ވަނީ މުބާރާތުން ކަޓާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button