ޚަބަރުސިޔާސީ

ދިވެހިރާއްޖެ މިދަނީ ދެވަނަ ލަންކާއަކަށް ވުމާއި ދިމާލަށް: ރައީސް ޔާމީން

ދިވެހިރާއްޖެ މިއަދު ދަތުރުކުރަމުން މިދަނީ ލަންކާ އޮތް ފަދަ ހާލަތަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ހިނގަމުންދާގޮތް ބަލައި، އެކަމާމެދު ވިސްނަން ޖެހޭކަމަށެވެ. ބެލެވޭގޮތުގައި ރައީސް ޔާމީން އިޝާރާތް ކުރައްވާފައިވަނީ ލަންކާގައި މިދުވަސްވަރު ހިނގަމުންދާ ހަމަނުޖެހުމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެވެސް ދަތުރުކުރަމުން މިދަނީ އެފަދަ މިސްރާބަކަށް ކަމަށާއި، އެކަން ގަބޫލުނުކުރުމަކީ ނުވަތަ ކުރަން ބޭނުން ނުވުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި އެކަމުން ކުރާނެ ފައިދާއެއްވެސް ނޯންނާނެ ކަމަށެވެ.

ހަމަ އެހެންމެ ޓެކްސް ބޮޑުކުރުމަށް ފާޑުވިދާޅުވަމުން މި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފައިސާ ހޯދުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ ހާލުގައި ޖެހިފައި ކަމަށެވެ. އަދި އެމްޑީޕީއިން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވުމުގެ ކުރިން އެކަން ބިލާހަކަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ދުނިޔޭގެ އިގްތިސާދީ ކަންކަމާބެހޭ އެތައް އިދާރާއަކުން ވަނީ ސަރުކާރަށް މި އިންޒާރު ތަކުރާރުކޮށް ދީފައެވެ. އެހެން ނަމަވެސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ޒަރޫރަތް ބުރައަކަށް ވަމުން އަންނަ އިރުވެސް، ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނަގަޅުވަމުން އަންނަ ކަމަށެވެ.

One Comment

  1. މިއަދު ދރާއްޖޭގެ ވެރިކަންކުރާޕާޓީން ހޮވާފައިތިބި މިނިސްޓަރުންގެ ތެރޭ އިޚުލާސްތެރިމިނިދްޓަރަކު ހުރިކަމަކަށް ގަބޫލުކުރން ދަތި ރައިޔަތުންނާއިމެދު އެއްވެސް ވިސްނުމެށްނެށް ކޮއްމެ މިނިސްޓަރަކުވެސް ބަލަމުންދަނީ ތިމާމެންގެ ފައިދާއަށާއި މަންފާ އަށް ގައުމެށްނެށް ގައުމު ފަނާވެއްޖެ ރައިޔަތުންހޭއަރާ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button