ޚަބަރު

ފެމިލީ ކޯޓުގެ އިސް ގާޒީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހުޒައިފާ މުހައްމަދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް ހުޒައިފާ އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.

ހުޒައިފާ މުހައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯވ ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ހުޒައިފާގެ އިތުރުން ކުރިމަތިލެއްވީ އއ. ފެރިދޫ، ސިޔާމާ މަންޒިލް، ޝަކީލް އެވެ.

ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވާ ހޯމަ ދުވަހުއެވެ. މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސްޤާޟީކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރުއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button