ޚަބަރު

ސްޓެލްކޯގެ ”ބްލޫ ރިޖް“ ދެ ޓަވަރުން ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”ބްލޫ ރިޖް“ ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެެވެ.

ފްލެޓްތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ ރޭ ސްޓެލްކޯގައި މިކަމަށް ބޭއްވި ހަފްލާއެއްގައެވެ.

މިހާތަނަށް ނުވިކި ހުރީ 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯގެ ”ބްލޫ ރިޖް“ ފްލެޓްތައް ބެހިފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރަކަށެވެ. ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭހެން ތަރައްޤީކުރާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

އެންމެ ފުރަތަމަ މި ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ، އޮގަސްޓް މަހުގެ 06 ވަނަ ދުވަހުގައެވެ. އެދުވަހު ހަވާލު ކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓްގެ ތަޅުދަނޑިއެވެ.

ސްޓެލްކޯ މުވައްޒަފުންގެ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000 ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ.

އެއް ކޮޓަރީގެ ފްލެޓްތަކުގެ މަހުކުއްޔަކީ 5،622 ރުފިޔާއެވެ. ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓްތަކުގެ މަހު ކުއްޔަކީ 10،356 ރުފިޔާއާއި 10،652 ރުފިޔާގެ ދެމެދެވެ. އަދި މެންޓެއިނަންސް ފީއެއްގެ ގޮތުގައި އެއްކޮޓަރީގެ ފްލެޓް ތަކުން 1000 ރުފިޔާ އަދި ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓް ތަކުން 1300 ރުފިޔާ ދައްކަން ޖެހޭނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button