ޚަބަރު

އއ.ތޮއްޑޫ: އާބާދީ އިތުރުނުވުމުގެ ކަންބޮޑުވުން

ދަނޑުވެރިކަމަށް ނަން މަޝްހޫރު އއ. ތޮއްޑޫގެ އާބާދީ އިތުރު ނުވެ ހުއްޓިފައި އޮތް އޮތުމާއި ގުޅޭގޮތުން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބޮންތިނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީ އަކީ 2137 ކަމަށާއި އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 1837 މީހުން ކަމަށެވެ. އަދި އެކި ސަބަބުތަކަށް ޓަކައި 300 އެއްހާ މީހުން ދިރިއުޅެނީ ރަށުންބޭރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އއ.ތޮއްޑޫ. ފޮޓޯ ބޮންތި.

މި އާބާދީގެ ނިސްބަތަށް ބަލާއިރު ޞިއްޙަތު ރަނގަޅު ޒުވާނުން ގިނަކަން ފާހަގަ ކުރައްވަމުން ކަރަމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ރަށުގެ އާބާދީ އިތުރުނުވެ ދަށްވަމުން ދާދިއުން ކަމަށެވެ.

”މިރަށުގައި އެންމެ ގިނައީ ހަމަ ހެލްތީ ޒުވާނުން. އެކަމަކު މިހާރު ސަރުކާރުންވެސް ފާހަގަކުރާފަދައިން ރަށުގެ ގްރޯތް ރޭޓް ވަރަށްދަށްކޮށް ފާހަގަ ކުރެވެނީ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑުކަންބޮޑުވުމެއް“. ކަރަމް ވިދާޅުވިއެވެ.

ކަރަމް އިތުރަށް ވިދާޅުވީ  އެކި މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން ވޭތުވެދިޔަ ދުވަސްތަކުގައި ތޮއްޑޫގައި  ބިދޭސީންގެ އާބާދީ ވަނީ ވަރަށް ބޮޑުތަންއިތުރުވެފައި ކަމަށާއި، އެގޮތުން ތޮއްޑޫގެ ދަފްތަރުގައިވެސް 680 ވަރަކަށް ބިދޭސީން ރެޖިސްޓަރކޮށްފައި ތިބިކަމަށެވެ.

އއ.ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ”ބޮންތި“ އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ބޮންތި.

”އޭގެތެރޭގައި ގިނައީ ބަންގްލަދޭޝް މަސައްކަތްތެރިން. އެހެން ޤައުމުތަކުގެ މީހުންވެސް ހިމެނޭ. ދަފްތަރުގައި ނުޖެހޭ މީހުންވެސް ހިމެނޭ“. ކަރަމް ވިދާޅުވިއެވެ.

މިއާއި އެކު އޭނާ ވިދާޅުވީ އާބާދީ ކޮންޓްރޯލް ވެފައި އޮތްނަމަވެސް 2050 ވަނަ އަހަރު ތޮއްޑޫގައި އުޅޭނެ ކަމަށް ލަފާކުރި އާބާދީ ބިދޭސީން ހިމެނޭހެން މިހާރު އެބައުޅޭ ކަމަށާއި، ސަރުކާރުން ތޮއްޑޫގެ ތަރައްޤީއަށް ކަންކަން ކުރައްވާއިރު މިއީ ވިސްނާލުން މުހިންމު ކަމެއް ކަމުގައެވެ.

ތޮއްޑޫގެ އާބާދީ އިތުރުނުވާ މައްސަލަ ކައުންސިލުން ފާހަގަކޮށްފައިވާއިރު ފާއިތުވި ޖޫން މަހުގައި ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު 300 އަށްވުރެ ދަށް ކަމަށް ވިދާޅުވެ އާބާދީއާމެދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button