ރިޕޯޓް

ބޯހިޔާވަހިކަމުގެ ސްކީމުން ރައްޔިތުންނަށް އުންމީދު އާކޮށްދީފި

 

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ސަރުކާރު ތަކުންވެސް ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮއްފައެވެ. ވަކިން ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫ ފާހަގަކޮށްލެވެއެވެ. ނަމަވެސް މި 7000 ހައުސިން އުނިޓަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް އެއްކޮށް ހައްލު ކުރެވޭ ވަރަށްވުރެ މަދު މިންވަރެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަނީ ހާއްސަ ސްކީމެއްގެ ދަށުން ގެދޮރު ހެދުމަށް ލޯނު ދޯކުރުމަށް ނިންމަވާފައެވެ. މި ސްކީމުގެ ސަބަބުން ގެދޮރު ހެދުމަށް ދަތިވެފައިވާ އެތަށް ބަޔަކަށް އެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ބަލާއިރު ރަށްރަށުގައި ގޯތި ލިބުނީއްސުރެ، މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެތާނގައި ގެދޮރު ނޭޅިފައި ތިބި އެތަށް ބަޔަކަށްވެސް އެތާނގައި ގެދޮރު އެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ހަމަ އެހެންމެ ދިރިއުޅޭނެ ތަނެއް ނެތުމުގެ ސަބަބުން ޒަވާޖީ ހަޔާތެއް ނުފެށިފައި ތިބި އެތަށް ޒުވާނުންނަށް ވެސް ފެނިގެންދާނެ އަލި މަގަކަށް މި ބޯހިޔާވަހިކަމުގެ ލޯނު ވެގެންދާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 އާއި ގުޅިގެން އެތަށް ބަޔަކު ވެރިރަށް މާލެ ދޫކޮށް، އެމީހެއްގެ އަމިއްލަ ރަށަށް ބަދަލުވަމުންދާ ދުވަސްވަރެކެވެ. އެމީހުންނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަންނާނެ ގެދޮރެއް ނެތުމެވެ. ލިބުނުހާ ލާރިއެއް ކުލި ދެއްކުމަށް ހޭދަކުރަން ޖެހުމުގެ ސަބަބުން ގިނަ މީހުންގެ އަތްމަތި ވަނީ ހުސްވެފައެވެ. އެހެންކަމުން މި ސްކީމް ވެގެންދާނީ މިފަދަ މީސްމީހުންނަށް ލިބިގިގެނދާނެ ރަނުގެ ފުރުސަތަކަށެވެ.

މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން ވަނީ ވަރަށް ވެސް ރަނގަޅު މުއްދަތެއް ދީފައެވެ. 20 އަހަރު ދުވަހުގެ މައްޗަށް ބަހާލައިގެން ލޯނު ދެއްކުމުގެ އިހްތިޔާރު ލޯނު ނަގާ މީހާ އަށް ލިބިގެން ދެއެވެ. އެއްފަހަރާ ބޮޑު އަދަދެއް ދައްކާ ހަލާސް ކުރުމުގެ ބަދަލުގައި ބައި ބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މި ސްކީމުން ލިބިގެން ދާނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ ލޯނު ނަގާ ފަރާތްތަކަށް ލިބިގެން ދާނެ ވަރަށް ވެސް ބޮޑު ލުއި ފަސޭހައެކެވެ. މީގެ އިތުރުން މި ސްކީމުގެ ދަށުން ނަގާ ލޯނުތަކުން ނެގުމަށް ކަނޑައަޅައިފައިވަނީ ކުޑަ އިންޓްރެސްޓެއް ކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން ބޭންކުތަކުން އާންމުކޮށް ނަގައި އުޅޭ ވަރު ކަމުގައިވާ 12 އިންސައްތައިގެ ބަދަލުގައި މި ލޯނު ތަކުން ނެގުމަށް ހަމަ ޖެހިފައިވަނީ އޭގެ ދެބައި ކުޅަ އެއްބައެވެ.

މި ލޯނު ސްކީމަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ލިބިގެންދާނެ ވަރަށް ވެސް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެއެވެ. އެތަށް ބައެއްގެ އުންމީދުތަށް ފުރިހަމަ ކުރުމަށް ހުޅުވިގެންދާނެ ދޮރަކަށް ވެގެންދާނެއެވެ. އެތަށް ބައެއްގެ ދިރިއުޅުން އުޖާލާކޮށްދޭނެ ފާލަކަށް ވެގެން ދާނެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button