ޚަބަރު

ފުލުހުން މިއަހަރު ތެރޭގައި ’ޓޭޒަރ ސެވަން“ ގަން ބޭނުން ކުރަން ފަށަނީ

މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ އޮޕަރޭޝަންތަކުގައި“ކޮންޑަކްޓިވް އެނާޖީ ޑިވައިސް“ ނުވަތަ “ޓޭޒަރ ސެވަން“ ބޭނުންކުރަން ފަށާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ބިލްޑިންގގައި ފުލުހުން ވަނީ ސެޝަނެއް ބާއްވާފައެވެ. އެ ސެޝަންގައި ފުލުހުން ވަނީ ’ޓޭޒަރ ސެވަން“ ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލުތަކާއި ބޭނުންކުރެވޭނެ ހާލަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން، މި ޑިވައިސް ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި ބޭނުން ކޮށްފިނަމަ އަޅާނެ ފިޔަވަޅުތަކާއި އެ ޑިވައިސް ގެންގުޅުމުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކަށަވަރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

”މިއަދު ޓެރަރިޒަމްއާ، ވައިލަންޓް ކުށްތަކާ، ކަނޑިއާ، ކަތިވަޅިއާ، ވަޅި ހިފައިގެން އުޅޭ ނުރައްކާތެރި ކުށްވެރިން މި މުޖްތަމައުގައި ތިބިއިރުގައި މިފަރާތްތަކާ ދެކޮޅަށް ފުލުހުން ހުސްއަތާ ނުކުމެ މިކަންކަން ކުރުން އެއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،“ ސީޕީ ވިދާޅުވި އެވެ.

ޓޭޒަރ ސެވަން އަކީ ބޮޑީ ވޯން ކެމެރާއާ އޮޓަމެޓިކުން ގުޅިފައި އިންނަ ޑިވައިސްއެކެވެ. އެހެންކަމުން ޓޭޒަރ ސެވަން ބޭނުންކުރާ މީހާ އެ ބޭނުންކުރާ ގޮތް އޮޓަމެޓިކުން ރެކޯޑުވަމުންދާނެއެވެ. މި ޑިވައިސް ބޭނުންކުރެވޭނީ ޓޭޒަރ ސެވަން ބޭނުންކުރުމަށް ތަމްރީނުކޮށްފައިވާ ފުލުހުންނަށް އެކަންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޖަވާބުދާރީވާން ޖެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ބައިވެރިވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button