ރިޕޯޓް

ހޯމް ސްޓޭ: ފަތުރުވެރިކަމުގެ އަނދިރިި ފަރާތް

ރާއްޖެއަކީ އިގްތިސާދުގެ މައި ތަނބެއްގެ ގޮތުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. 1972 އަހަރުގެ ތެރޭގައި އެންމެ ރަށެއްގެ ކުޑަ ތަންކޮޅަކުން އުފަންވި ފަތުރުވެރިކަން މިއަދު މިވަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާފައެވެ. އޭގެ ފަހުން އެކި ފަންތީގެ އެތައް ސަތޭކަ ރިސޯޓެއް ރާއްޖޭގައި ވަނީ ހުޅުވިގެން ގޮސްފައެވެ.

ކަން މިހެން އޮއްވާ، ރިސޯޓްތަކުގެ ހޭޅިފަށުން ބޭރަށް ފަތުރުވެރިކަން ފެތުރިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށުނު ލޯކަލް ޓޫރިޒަމް ވިޔަފާރިއާއި އެކުއެވެ. އެކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން ދަނިކޮށް، ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މުޅި ރާއްޖެއަށް މިއަދު މިވަނީ ފުޅާވެފައެވެ. ގިނަ ބަޔަކު ބުނަމުންދިޔަ ފަދައިން އެކަމުގެ ސަބަބުން މިގައުމުގެ ޒުވާނުންތަކެއް ހަގީގަތުގައި ވެސް ”ހަލާކުވެގެން“ ގޮސްފިއެވެ. އެކަން ވެގެން ދިޔައީ ބައެއް ރަށްރަށަށް ފަސޭހަކަމާއިއެކު މަސްތުވާތަކެއްޗާއި އެނޫނަސް ދީނުގައި ހަރާމް އެތައް ކަމެއް ފަތުރާލި މައި ދޮރާއްޓަކަށެވެ. ނަމަވެސް އެކަމުން ލިބޭ ފައިސާގެ ދަހިވެތިކަމުގައި އެވާހަކަތައް އޮންނަނީ ”ނުދައްކާ ވާހަކަ“ އަކަށް ވެފައެވެ.

ކަން މިހެން އޮއްވާ މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ އެހެން ”ބާވަތެއް“ މުޅިން އަލަށް ފަށަން އުޅޭ ކަމުގެ އިޝާރަތެއް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓަރ ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ވެއެވެ.

”މުސްލިމުން ގިނަ، އާދަކާދަ ފިސާރި މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް ”ހޯމްސްޓޭ“ ފަތުރުވެރިކަން ކާމިޔާބު. ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެ. މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން.“

ހޯމްސްޓޭ ޓޫރިޒަމުން ލިބޭނެ ފައިދާތަކުގެ ވާހަކަ މިނިސްޓަރ ފާހަގަ ކުރައްވައިފިއެވެ. މުސްލިމް ގައުމުތަކުން މިސާލުވެސް ދައްކަވައިފިއެވެ. ނަމަވެސް މިކަމުގެ ސަބަބުން އަޅުގަނޑުމެން ފަދަ ކުޑަ ގައުމެއްގެ ދީނީ ވަހުދަތާއި ޘަގާފަތަށް ކުރާނެ އަސަރު ވިސްނާލުން މުހިންމެވެ.

ހޯމްސްޓޭ ޓޫރިޒަމްގައި ފަތުރުވެރިން ދިރިއުޅޭނީ ދިވެހި އާއިލާތަކާއި އެކު ދިވެހިންގެ އަމިއްލަ ގޭގޭގައެވެ. ޝައްކެއްވެސް ނެތެވެ. ވަރަށް ގިނަ ދިވެހިންނަށް މި ވިޔަފާރިން ފައިދާ ހޯދިދާނެއެވެ. ނަމަވެސް މި ހުޅުވާލެވޭ ދޮރުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ލިބިދާނެ ގެއްލުން މާ ބޮޑެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ބޭރުގެ އެކި ކަރަ ކަރައިން ޒިޔާރަތް ކުރާ ފަރާތްތަކެވެ. އެމީހުންގެ ސަގާފަތްތައް ދިވެހިންނާއި ހާސްބައި ތަފާތެވެ. އެމީހުން ވާހަކަ ދައްކާ ބަސް ދިވެހިންނާއި ތަފާތެވެ. މުޖުތަމައުގައި އުޅޭ ހަރު މީހުންނަށް އެމީހުންގެ ސަގާފަތުގެ ތެރޭގަައި ހިމެނޭ ނުރަނގަޅު އާދަތައް ފެނުނު ކަމުގައި ވިޔަސް އެކަމުން އެމީހުންގެ ދިރިއުޅުމަށް އަސަރުތަކެއް ނުކޮށްފާނެއެވެ. ނަމަވެސް ކުޑަ ކުދިންނާއި ޅަފުރާގެ ޒުވާނުންނަށް އެމީހުންގެ ސަގާފަތް އެހާ ގާތުން ފެންނަމަ، އެކުދިންނަށް ދިވެހިންގެ ސަގާފަތަށް ވުރެން އެމީހުންގެ ސަގާފަތް ކަމުގޮސް، އެ ކަންކަން ނަކަލު ކުރަން މަސައްކަތްކުރުމަކީ ނުހަނު ގާތުގައި އޮތް ކަމެކެވެ. ދިވެހިންގެ ރީތި އަޚްލާގީ މިންގަނޑުން ނެއްޓި، ފަރަންޖީގެ އަޚްލާގީ މިންގަނޑަށް އެކުދިން ވެއްޓެން ވެއްޖެނަމަ އެކަމުގެ ނުރަނގަޅު އަސަރު ކުރިޔަށް އޮތް އެތައް ޖީލަކަށް ފޯރާނެއެވެ. ސުވާލަކީ، ލިބޭ ފައިސާ ކޮޅެއްގެ ބޭނުމުގައި އަޅުގަނޑުމެންގެ ސަގާފަތާއި ޒަމާންވީ ރިވެތި އަޚްލާގު ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވެން އޮތް މަގުތައް ބަންދުކުރުން ކޮންމެހެން ބޭނުންތެރި ތޯއެވެ؟

އަޅުގަނޑުމެންގެ ގައުމަކީ މިއަދާއި ހަމަޔަށް ވެސް ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ގައުމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ދީނީ ވަހުދަތާއި އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް މިއަދުގެ މުޖުތަމައުންވެސް ފެންނަމުން އެބަދެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ހުޅަނގުގެ ބައެއް ޕްރޮޕެގެންޑާތައް އެކި ގޮތްގޮތުން އަޅުގަނޑުމެންގެ މުޖުތަމައަށް ވަކި ހިއްޕާލާފައި ވުމެވެ. ކަން މިހެން އޮއްވާ ހޯމްސްޓޭ ޓޫރިޒަމަށް ހުޅުވާލައިފި ނަމަ، ކަންވާނޭ ގޮތް ތަސައްވަރު ކޮށްލަން ދައްޗެވެ. ހުޅަނގުން އެކިއެކި ރީތި ނަންނަމުގައި ފަތުރާ ލާދީނީ ޕްރޮޕެގަންޑާތައް ފެތުރުމުގެ ފުރުސަތު އަޅުގަނޑުމެންގެ އަމިއްލަ ގޭގޭގެ ތެރެއިން އެމީހުންނަށް ލިބިގެން ދާނެއެވެ. ބަހާއި އަމަލުން އެމީހުން މުސްލިމުންނާއި ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމަ ވަރަށް ގާތުން ކުރަމުން ގެންދާނެއެވެ. އެމީހުންގެ ދަންތުރާގައި ޒުވާނުން ޖައްސަން ތަންމިނަށް ފުރުސަތު ލިބިގެން ދާނެއެވެ. އަޅުގަނޑުމެންގެ މިކުޑަ ގައުމުގެ ދީނީ އެއްބައިވަންތަކަން ގެއްލުވާލާ، ފިތުނަ ފަސާދަތަކަށް ހުޅުވޭ ދޮރަކަށް ނޫނީ އާޚިރުގައި މިކަން ނުވާނެއެވެ. ”ހޯމްސްޓޭ ފަތުރުވެރިކަމުގެ“ ނަމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ނިއުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހިދާޔަތަށް އަސަރު ފޯރާނޭ އެއްވެސް ކަމަކަށް މިރާއްޖޭގައި ފުރުސަތު ދޭން ޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ.

ރާއްޖެއަށް އަލަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ހޯމްސްޓޭ ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތަށް އެކި ސިފަ ސިފައިގައި ހަމަލާތައް ރައްދުވާނޭ އެއްޗެއް ކަން ޔަގީނެވެ. ދީނާއި ގައުމިއްޔަތުގެ މައްޗަށް ފައިސާ އިސްކުރާނަމަ އެއީ ގައުމުގެ ހަލާކެވެ. ދިވެހިންނޭ! ވިސްނާލާށެވެ. ފައިސާއާއި މުއްސަނދިކަން ވަކި ބަޔަކަށް ލިބިދާނެއެވެ. ނަމަވެސް ގެއްލިއްޖެ ގައުމިއްޔަތަކާއި ސަގާފަތަކީ އަނބުރާ އިއާދަކުރެވޭނެ އެއްޗެއް ނޫނެވެ. އަމިއްލަ ފައިދާއަށްވުރެން ގައުމު އިސްކުރުން ކޮންމެ ކަމެއްގައިވެސް މުހިންމުވާ ސަބަބަކީ މިއީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button