އޭދަފުށީގެ އީދު ފޯރި ވަރަށްވެސް ތަފާތު

ބޮޑު އީދު ގައި ބ.އޭދަފުށި މިފަހަރު ވަރަށް ވެސް ފޯރި ގަދައެވެ.
އެހެން އަހަރު ތަކާ ހިލާފަށް މި އަހަރު މާބޮޑަށް ވެސް ތަފާތެވެ. ރަށުގެ ކުދި ބޮޑު އެންމެން ވަރަށް ވެސް ފޯރީގައި އީދަށް ތައްޔާރު ވެއްޖެއެވެ. ރަށަށް އަންނަ މެހެމާނުން ހެއްވާލަނީ ހިނިތުން ވުމާއިއެކު ކިޔާ މަރުހަބާއިންނެވެ.
ބޮޑު އީދަށް އެރަށް ފުރިގެން ބަންޑުން ވެއްޖެއެވެ. ގެސްޓް ހައުސް ތަކާއި، ގޭގޭ ކޮޓަރި ތަކުގެ އިތުރުން ސިޓިން ރޫމްތައް ވެސް ފުރިއްޖެއެވެ.
މިފަހަރު ބ އަތޮޅުގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއްރަށަކީ އޭދަފުއްޓެވެ.
އޭދަފުށި އީދު އުފާ 1443 ގެ ހަރަކާތްތަކަށް ބަލާއިރު އީދު ބަޑި ރޯކުރުން، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން، އީދު ސައި، ތްރީ އޮން ތިރީ ފުޓްބޯޅަ، ތިންމުގޯލި، ނެޓް ބޯޅަ، ބައިބަލާ، ވާދެމުން، ކަލަރ ފެސްޓިވަލް، ކޯޑި ކެޑުން، ކުރުފަލި ނެށުން، ދަފި ނެގުން، ކުރު ދަނޑި ޖެހުން، ބޮޑުމަސް ބޭނުން، ބޮޑުބެރު، ސުޓޭޖު ޝޯތައް، އާއިލީ ހަވީރުތައް އަދި މަސް ރޭސް ހިމެނެއެވެ.
އޭދަފުށީގައިވެސް މި އަހަރު އީދުގައި ހަވާ އަރުވައެވެ.
މިފަހަރު ސްޓޭޖު ޝޯތަކަށް ގިނަ އަދަދެއްގެ ފަންނާނުން ވެސް ގެންނަން ވަނީ ނިންމާފައެވެ. އަދި މިފަހަރު އޮތް ބައިބަލާ މުބާރާތަށް ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ވަރުގަދަ ކުޅުންތެރިން ވެސް ވަނީ އޭދަފުށްޓަށް ގެންގޮސްފައެވެ.
ބޮޑު އީދުގައި އޭދަފުށީގެ ރަށުކައުންސިލާއި ޖަމިއްޔާތަކުން އަންނަނީ ނުހަނު ގިނަ މަސައަކައްތަކެއް ކުރަމުންނެވެ.