ޚަބަރުމުނިފޫހިފިލުވުން

ރަސްމާދޫ އެންޓަނާ ދެކުނިންތަ؟

ރ.ރަސްމާދޫ އެންޓަނާއަކީ ޒަމާނުއްސުރެ އެރަށު މީހުންނަށް ލިބިފައިވާ ފަހުރެކެވެ.

މިފަހުރު ބޮޑުއީދާ ދިމާކޮށް ރަސްމާދޫ ރައްޔިތުން މިވަނީ ރަށުގެ އަސްކަނިން ބޭރަށް ފެންނާނެހެން އެ އެންޓަނާ ދިއްލާފައެވެ.

ރަސްމާދޫ އެންޓަނާ ދިއްލުމުގެ ހަރަކާތް ފެށިގެން ދިޔައީ އެރަށު ޒުވާނުންގެ ބޮޑުބެރުގެ ރީތި ހިތްގައިމު ލަވަތަކާއި އެކުއެވެ. ރަސްމާދޫގެ ކޮންމެ ދިމާލަކުން ބަލާލިޔަސް ފެނިގެން ދަނީ އެންޓަނާ ގައި ދިއްލާފައިވާ ރީތި ހިތްގައިމު ބޮކިތަކުގެ ނަލަކަމެވެ.

ރަސްމާދޫ ޔޫތް ޑިވަލޮޕްމަންޓް އެސޯސިއޭޝަންގެ މެންބަރު ހުސެން ރިޝްވާން ”ބޮންތި“ އަށް މައުލޫމާތު ދިންގޮތުގައި ރަސްމާދޫ އެންޓަނާ ދިއްލުމުގެ މައިގަނޑު މަގުސަދަކީ ޒަމާނުއްސުރެ އެރަށު މީހުނާ ދިމާލަށް ”ރަސްމާދޫ އެންޓަނާ ފެނޭހޭ“ ބުނާ ބަސް ފަހުރެއްގެ ގޮތުގައި ދެއްކުމެވެ.

”ތޮއްޑޫ މީހުނާ ދިމާލަށް ބުނޭ ނުންތޯ ކަރައޭ، މިހާރު ތޮއްޑޫ މީހުންގެވެސް ސުލޯގަން އަކަށް ވެފަ އޮންނަނީ ކަރާ. މިރަށު މީހުނަށް ސުލޯގަން އަކަށް މިހާރު ވެފަމިއޮތީ ”ރަސްމާދޫ އެންޓަނާ“. މީ އަޅުގަނޑުމެންގެ ފަހުރެއް. މި ހަރަކާތުގައި ރަށުގެ ކުދި ބޮޑު ހުރިހާ ޒުވާނުން ބައިވެރިވި. މިކަމުގައި އިސްކޮށް އުޅުނީ ރަސްމާދޫ ޔޫތް ޑިވަލޮޕްމަންޓް އެސޯސިއޭޝަން އަދި އަތާމަލާ ޖަމިއްޔާ.  ކުރިއަށް ވަރަށް ވެސް ބައިވަރު ހަރަކާތްތައް އެބަހުރި އިނގޭތޯ. މިރަށަކީ ޒަމާނުއްސުރެ ސަގާފީ ކުޅިވަރު ކުޅެ އާލާކުރާ ރަށެއް. މީއަސްލު ރަސްމާދޫ ރަސްމާދޫއަށްވާ ގޮތަކީ.“ ރިޝްވާން ބުންޏެވެ.

މިފަހަރު ވެސް ބޮޑު އީދުގައި ރަސްމާދޫގައި އެކި އެކި ސަގާފީ ކުޅިވަރުތައް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރަސްމާދޫ އެންޓަނާ ދިއްލުން، ބޮޑު ހުޅުޖެހުން، ބޮޑު ޖަމާއަތުގަ އީދު ނަމާދުކުރުން، އީދު ސައި، ދެލި މާލި ޕެރޭޑު، ކޯޑި ކެޑުން، ބިލެއް ލުން، ފެން ކުޅި، ސުޓޭޖު ޝޯތައް، ބޮޑުމަސް ބޭނުން އަދި ކުޑަކުދިންގެ ހަވީރު ހިމެނެއެވެ.

އެންޓަނާގެ އެ ހިތްގައިމު މަންޒަރު ތަކާ ސަގާފީ ކުޅިވަރުތައް ބާލާލުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މިފަހަރު ވެސް ބޮޑު އީދަށް ރަސްމާދޫއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button