ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ: އިދިކޮޅު

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް ޕީއެންސީ އިން އެހެން ޕާޓީއެއްގެ ނުވަތަ އެހެން ޕާޓީއެއްގެ ލީޑަރެއްގެ ފަހަތަށް އަރާނެ އެއްވެސް ފޯމިއުލާރ އެއް ނެތް ކަމުގައެވެ. އަދި ”ޔާމީން ޖަލަށް، ގާސިމް ވެރިކަމަށް އަންނަން ހުޅުވާ ދޮރެއް.“ މިނަމުގައި އަވަސް އޮންލައިންގައި ލިޔެފައިވާ އާރޓިކަލްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަންގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕޮންސާރޑް އާރޓިކަލް އެއް ކަން އަބްދުއްރަހީމް ފާހަގަކުރިއެވެ.

”ރައީސް ޔާމީން ޖަލަށް ލުމަށް ވަރަށް ބޮޑަށް ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދޭ. އެންމެ ފުރަތަމަ ރައީސް ޔާމީން ޖަލަށް ލުމުގައިވެސް ގާސިމްގެ އަތެއް ވޭ. ކޯޓު ތަކަށް ކަޅު ފައިސާ އަޅާ ނުފޫޒު ފޯރުވާފައިވާކަން އެނގޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން ޖަލަށް ލުމަށް ހައްގު ނޫން ގޮތުގައި މިހާރުވެސް ގާސިމް އާއި އަދި ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަން ކާމިޔާބެއް ނުވާނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުންވެސް އަދި ލީޑަރަކުވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް އިދިކޮޅު ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް ކަމާއި، އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލި އެއްވެސް ހާއިނެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ ކަމުގައެވެ.

”ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަކަށް އައި ނަމަވެސް، ޕީޕީއެމުން ކަންކުރާނެ ގޮތް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނާނެ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން އޮތް އާންމު އިންތިހާބުގައި ގާސިމް އެޕާޓީއަށް ލަނޑުދިން ގޮތް ހަނދާނެއް ނުނެތޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button