ޚަބަރުސިޔާސީ

އެކަކު އަނެކަކާ މެދު ހިތް ސާފުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އެކަކު އަނެކަކާ މެދު ހިތް ސާފުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު އިލްތިމާސް ކުރައްވައިފިއެވެ.

ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތާއި ގުޅިގެން ރައީސް ޞޯލިޙު ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތަކީ، ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުޞަތެއްކަމުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އިލްހާމް ލިބިގަންނަންޖެހޭ ކަމުގައެވެ. އަދި ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމުގައެވެ. މިއީ، މިއަދު އެންމެނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އާލާކުރަންޖެހިފައިވާ ކަންކަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަޤީންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، މި ބަރަކާތްތެރި ޢީދުގެ އުފާވެރިކަން އެންމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button