ޝިންޒޯ އަބޭއަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ޒަމާންވީ ގުޅު ވަރުގަދަކުރަން ވަރަށް ބޮޑު ރޯލެއް އަދާކުރެއްވި ބޮޑުވަޒީރެއް ކަމުގައި އިދިކޮޅު ލިޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ޖަޕާނުގެ ނާރާ ސިޓީގައި ކެމްޕެއިން ސްޕީޗެއް ދެއްވަނިކޮށް ބަޑީގެ ހަމަލައެއްގައި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަވަހާރަވުމާގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖެއްގައެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި ޝިންޒޯއަކީ ދިވެހިންގެ ސަގާފަތާއި އަމިއްލަ ވަންތަކަމަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ހާއްސަކޮށް ބޮޑެތި އެހެން ގައުމުތަކެކޭ އެއްފަދައިން އިގްތިސާދީގޮތުން ބާރުވެރި ގައުމަކަށް ރާއްޖެ ހެދުމުގެ މައުޟޫގައި ގިނަ ޚިޔާލުފުޅާއި މަޝްވަރާގެ އިތުރުން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ޔާމީން ޝިންޒޯގެ ޚިދުމަތް ސިފަކުރެއްވިއެވެ.
ޝިންޒޯ ރާއްޖެއާއި ދިވެހިންނާއެމެދު ބެހެއްޓެވި ގާތްކަމަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ކަންކަމެއް ނޫންކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިދިކޮޅު ލީޑާޝިޕާއި ޕީޕީއެމް ޕީއެންސީގެ ހުރިހާ މެންބަރުންގެ ނަމުގައި ޝިންޒޯގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޝިންޒޯ އާއި ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާ ކުރުމަށްޓަކައި މަޝްވަރާ ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ވަރަށް ގިނަ އެހީތައް ޖަޕާނުގެ ސަރުކާރުން ވަނީ ވެދީފައެވެ. އެކަމުގައި ޝިންޒޯ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.