ޚަބަރުސިޔާސީ

އައްސޭރި ޖަލަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ: ކޮމިޝަނަރ އޮފް ޕްރިޒަންސް

އައްސޭރި ޖަލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިޔާތު ޝަރަފްވެރި ކޮށްދިނުމުގެ ގޮތުން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އައްސޭރި ޖަލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒަރީރު ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާއާއި، އަދުގެ ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިމްތިހާނަކީ މަސްތުވާތަކެތިކަމަށާއި ޖަލުގައި އެންމެ ގިނައީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައި ތިބި ގައިދީންކަން ޒަރީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް ކުރާ މަސައްކަތަކީ ގައުމީ ޖިހާދެއްކަމަށް ޒަރީރު ވިދާޅުވިއެވެ.

އައްސޭރި ޖަލުގެ ހާލަތަށް ރިއާޔަތްކޮށް ޒަރީރު ވިދާޅުވީ، ބަޖެޓުގެ ތާށިކަމާއި ޖާގައިގެ ދަތިކަން ހުރިކަމަށާއި، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދާކަމަށެވެ.

ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ތައުލީމް ހާސިލްކުރުމަށް އޮތް ފުރުސަތު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރާކަމަށާއި، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރާކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު އިތުރަށް ވިދާޅުވީ، އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ބުރަ މަސައްކަތާއި މަސައްކަތަށް ބަހަށްޓާ ފަރުވާތެރިކަން ބަލައިގަންނަ ކަމަށެވެ. އަދި، ކޮށްފައިވާ ހުވާގެ މަތީ ދެމިތިބުމަށް ސީޕީ އިލްތިމާސްކޮށްފައިވެއެވެ.

މި ރަސްމިޔާތުގައި އެ ޖަލުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ތެރެއިން މަސައްކަތް ރަނގަޅު އޮފިސަރުންނާއި އިމްތިހާނުތަކުން ވަނަ ހޯދާފައިވާ މުވައްޒަފުންނަށް އެ އޮފިސަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button